މި ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާތީ އެކަމަށް ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިޔާސީ ފިކުރު ތަފާތުވުމުން އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ހަގީގަތެއް ކަމަށެވެ.
"ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުންނެއްގެ ވަޒީފާއިން ވަކިކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި. ގޮސް ބައްލަވާލައްވާ. އެ ދަފްތަރު އަޅުގަނޑުމެން އަތުގައި އެބައޮތް." ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ނިގުޅައިގަތް ވަޒީފާގެ ހައްގުތައް އެ މުވައްޒަފުންނަށް އަނބުރާ ހޯއްދަވައި ދެއްވާފައި ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ބޭނުމަކަށް މީހުން ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"މި ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން ވަޒީފާއިން ވައްކެތް ނުކުރޭ. އޮޅިވަޑައިގެން ނޫޅުއްވާ،" ޝުޖާއު ވިދާޅުވި އެވެ.