އަރްމީނިއާގައި ، ޖޫން 11-14އަށް ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން 2026 ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ އައިޝާ ހާޖަރް ހާނިސް މޫސާ ލޯ މެޑަލް ހޯދައިފި އެވެ.
މި މުބާރާތުގައި ހާޖަރް ލޯ މެޑަލް ހާސިލުކުރީ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. މިއީ 11 އަހަރުގެ ހާޖަރް ބައިވެރިވި ފުރަތަމަ އިންޓަރ ނޭޝަނަލް ބެޑްމިންޓަން މުބާރާތެވެ.
މިކްސް ޑަބަލްސްގައި ހާޖަރުގެ ޕެއާއަކީ އަރްމީނިއާގެ އަވެޓް އަލެކްސަންޔަން އެވެ. މުބާރާތުގެ ސެމީފައިނަލްގައި ހާޖަރުގެ ޕެއާ އިން ނުކުތީ މިކްސް ޑަބަލްސް ޗެމްޕިއަންކަން ނެގި އަރްމީނިއާގެ ދެ ކުޅުންތެރިން ކަމަށްވާ ގޮރް ކިރަކޮސްޔަންއާއި ލިލީ ކިރަކޮސްޔަން އާއި ދެކޮޅަށެވެ.
ހަޖަރު ވާދަކޮށްފައި މިވާ އަރްމީނިއާ ޔޫތު އޯޕަން އަކީ، ބެޑްމިންޓަން ޔޫރަޕްގެ ފެޑެރޭޝަނުން ރުހުން ދީފައިވާ، އެ ފެޑެރޭޝަންގެ ކަލަންޑަރު މުބާރާތެކެެވެ. އަރްމީނިއާގެ ބެޑްމިންޓަން ފެޑެރޭޝަނުން ކުރިއަށްގެންދިޔަ މި މުބާރާތުގައި، 90 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަރްމޭނިޔާ، ޖޯޖިޔާ، ކަޒަކިސްތާން، ސައިޕްރަސް، އިޒްރޭލް އަދި ރަޝިޔާގެ ކުޅުންތެރިންނެވެ.
ހާޖަރަކީ ރިވައިވަލް ސްޕޯޓްސް އެކެޑެމީގައި ހިމެނޭ ކުޅުންތެރިއެއް ކަމަށްވާއިރު، މިއީ ބައިނަލްއަގްވާމީ މުބާރާތަކުން ހާޖަރު ހޯދި ފުރަތަމަ މެޑަލް އެވެ.