Last Updated: June 16, 20:09
Tuesday, June 16, 2026
ރިޕޯޓް

ޓްރިލިއަނަރު މަސްކް؛ މިއިން ގަނެވޭނީ ކޯޗެއް؟

ތާރީޚުގައި ފުރަތަމަ ފަހަރަށް މީހަކު ޓްރިލިއަނަރަކަށް ވެއްޖެއެވެ. އީލޮން މަސްކްގެ މުއްސަނދިކަން ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ. އެއީ (1،000،000،000،000) އެވެ. މިއީ ވަރަށް ބޮޑު އަދި ތަޞައްވު ރުކުރަން ވެސް ދަތި އަދަދެކެވެ. ނަމަވެސް ހަގީގީ ސުވާލަކީ އީލޮން މަސްކަށް މިއިން ގަނެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި ކުރާނީ ކޮން ކަހަލަ ފައިދާއެއް ހެއްޔެވެ؟

ޓްރިލިއަނަރަކަށް ވުމުގެ ސަބަބުން މަސްކްގެ މިނިވަންކަން އިތުރުވާނެ ހެއްޔެވެ؟

1. ހަމަހިލާ އެހެންނެއް ނޫނެވެ. ކުރިން 'ކެރޭ' ގޮތްތަކެއްގެ ގޮތުގައި ސިފަކުރެވުނު އޭނާގެ މައުގިފުތަކާއި ސްޓޭންސްތައް ތިޔަބޭފުޅުން ހަނދާން ހުރެދާނެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، އެހެން މީހުން ފަދައިން އޭނާ ވެސް ޒަޔޮނިސްޓު ނުފޫޒުގެ ކުރިމަތީގައި ބޯލަނބައި ކުޑަކަކޫ ޖަހައިފިއެވެ. އަދި އަނިޔާވެރިކަމަށް ތާއީދުކޮށް، އިސްލާމީ ޝަރީޢަތަށް ފާޅުގައި ހަމަލާދީ ވާހަކަ ފަތުރަން ފަށައިފިއެވެ.

މިފަދަ މީހުން އެންމެ ފަސޭހައިން އަޅުވެތިވެ ކުޑަކަކޫ ޖަހަނީ މާލީ މަސްލަހަތަށް އޮންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެފަދަމީހުންގެ މުދާވެރިކަން ވަނީ މިނިވަންކަމުގެ ބަދަލުގައި ނިކަމެތިކަމާއި ބަލިކަށިކަމުގެ ސަބަބަކަށެވެ. އެހެންކަމުން، ފައިސާ މަދުވެދާނެތީ ގަންނާކުރައްވާ ބިރުގެ ސަބަބުން، އެމީހުން ވަނީ އެމީހުންގެ މުދަލުގެ އަޅުންނަށް ވެފައެވެ.

2. ޓްރިލިއަނަރަކަށް ވުމުގެ ސަބަބުން އޭނާގެ އުމުރަށް އެންމެ ސިކުންތެއް ވެސް އިތުރުވެގެންދާނެ ހެއްޔެވެ؟
އޭނާގެ މުއްސަނދިކަން މިލިއަނަރެއްގެ މުއްސަނދިކަމަށްވުރެ މިލިއަން ގުނަ އިތުރު ނަމަ، އޭނާގެ އުމުރުން ވެސް މިލިއަން ގުނަ ގިނަ ދުވަހު ދިރިއުޅޭނެ ހެއްޔެވެ؟ އޭނާގެ އަޖަލު ހަމަވުމުން، މި ޓްރިލިއަނުން އޭނާއަށް އެންމެ މިނެޓެއް ވެސް ގަނެދެވޭނެ ހެއްޔެވެ؟ ނުވަތަ ބައްޔަކުން ނުވަތަ މުސްކުޅިވުމުން އޭނާ ސަލާމަތްކޮށްދޭނެ ހެއްޔެވެ؟

ޖަވާބު ލިޔާވަރަށްވުރެ މާ ސާފެވެ.

3. ޓްރިލިއަނަރަކަށް ވުމުގެ ސަބަބުން މާތް ސިފަތަކާއި ރިވެތި އަޚްލާޤު އޭނާގެ ކިބައިގައި އަށަގެނުވޭނެ ހެއްޔެވެ؟

އޭނާގެ ކަންކަން ހުރިގޮތަަށް ބަލާލުމުން ސާބިތުވަނީ މީގެ އިދިކޮޅެވެ. މިސާލެއްގެ ގޮތުން، އޮސްޓްރޭލިއާގެ އިންޓަނެޓް ސޭފްޓީ ރެގިއުލޭޓަރީ އިން ދީފައިވާ އިންޒާރަށް ބަލާލާށެވެ. އެމީހުން ބުނެފައިވަނީ މަސްކްގެ މިލްކުވެރިކަމުގައި އޮންނަ 'އެކްސް' ޕްލެޓްފޯމުގައި ކުޑަކުދިންނަށް ޖިންސީ ގޮތުން ފުރައްސާރަކުރާ ތަކެތި ސިސްޓެމެޓިކް ގޮތެއްގައި ފެތުރެމުންދާ ކަމަށެވެ. ބޮޑު މުއްސަނދިކަމުން ނުފޫޒު ގަނެވިދާނެއެވެ. ނަމަވެސް އޭގެއިން ރިވެތި އަޚްލާޤެއް ނުގަނެވޭނެކަން މިކަމުންވެސް ހާމަވެގެންދެއެވެ.

4. ޓްރިލިއަން ޑޮލަރުގެ ސަބަބުން އާޚިރަތުގައި މަސްކް ސަލާމަތްވެގެން ދާނެ ހެއްޔެވެ؟

ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
(وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ (35)
«އަދި ރަނާއި ރަންތަކެތި އެއްކޮށް ރައްކާކޮށް، ﷲ ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭމީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބެއް ހުރިކަމުގެ އުފާވެރިޚަބަރު އެއުރެންނަށް ދޭށެވެ! ނަރަކައިގެ އަލިފާނުން އެތަކެތި ދޮންކުރެވޭ ދުވަހެވެ. ފަހެ، އެތަކެތިން އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރަކަށިތަކުގައި ސިއްކަޖެހޭނެއެވެ. (އަދި އެއުރެންނަށް ބުނެވޭނެއެވެ.) މިއީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި އެއްކޮށް ރައްކާކުރި ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ރައްކާކޮށް އުޅުނު ތަކެތީގެ ރަހަ ލިބިގަންނާށެވެ!»
އަދި ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ:
«إن الأكثرين هم الأقلون يوم القيامة، إلا من قال هكذا وهكذا وهكذا»
«ހަމަކަށަވަރުން، ދުނިޔޭގައި މުދާ ގިނަ މީހުންނަކީ ގިޔާމަތް ދުވަހުން (ޘަވާބުގެ ގޮތުން) އެންމެ މަދު މީހުންނެވެ. މިފަދައިންނާއި މިފަދައިންނާއި މިފަދައިން (ހޭދަކޮށްފި) މީހަކު މެނުވީއެވެ. (އެބަހީ މުސްލިމުންގެ ތެރެއިން ހެޔޮ ކަންކަމުގައި މުދާ ހޭދަކުރި މީހުންނެވެ.)»

ޚުލާޞާއަކީ

ބުއްދިވެރިޔާ އަހާނީ މަސްކްގެ އަތުގައި ކިހާވަރެއް އެބައޮތްތޯ އެއްނޫނެއެވެ. އޭގެ ބަދަލުގައި އަހާނީ އޭނާގެ އަތުގައި އެހުރި އެއްޗަކުން އޭނާއަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ.
އަދި ދަންނަންވީކަމަކީ، މި ޓްރިލިއަން ޑޮލަރަކީ ހަމައެކަނި މަސްކްގެ މޮޅުކަމުން އޭނާއަށް ލިބުނު އެއްޗެއް ނޫންކަމެވެ. ނަމަވެސް، އެއީ ޙަލާލެއް ޙަރާމެއް ބެލުމެއް ނެތް، އަދި އިންސާނުންގެ ޙައްޤުތައް ހިމާޔަތްނުވާ، ޢަދުލުވެރިކަމެއް ޤާއިމު ނުކުރެވޭ، ކެޕިޓަލިސްޓް ނިޒާމުގެ ފާސިދުކަމުގެ ސަބަބުން އޭނާއަށް ލިބިގައިވާ އެއްޗެއްކަމެވެ.
ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
(وما الحياة الدنيا إلا متاع الغرور)
«އަދި ކެހިވެރިކަމުގެ (ވަގުތީ) އުފަލެއް ދޭތަނެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.»
ތަޢާލާ އަޅަމެންނަށް ޙައްޤު ޙައްޤުގެ ގޮތުގައި ދައްކަވައި ބާޠިލު ބާޠިލުގެ ގޮތުގައި ދައްކަވާށި.
آمين يا رب العالمين

ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.