އާލިން ހާލަންޑްގެ ގޯލުތަކުން 4-1 އިން އިރާގުގެ މައްޗަށް ނޯވޭއިން ކުރި ހޯދައިފި އެވެ.
މިއީ، 1998 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ނޯވޭ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މިއީ، 40 އަހަރަށް ފަހު، އިރާގުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.
ނޯވޭއިން މި މެޗުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 29 ވަނަ މިނިޓްގަ އެވެ. މިއީ، ޑޭވިޑް މޮލާ ވޯލްފާ ނަގައިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި، ހާލަންޑް ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ 39 ވަނަ މިނިޓްގައި، އިރާގުގެ ކެޕްޓަން، އައިމަން ހުސެއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ، އަމީރު އަލް އައްމާރީ ނަގައިދިން ހުރަހަކުން އައިމަން ބޮލުން ޖެހި ގޯލެކެވެ. ނަތީޖާ ހަމަހަމަކޮށްލައިގެން އިރާގަށް ހާފު ނިންމާލެވޭ ގޮތެއްނުވީ އެ ޓީމުގެ ފަހަތުން ހެދުނު ގޯހަކުންނެވެ. އެ ގޮތުން، އިރާގުގެ ކީޕަރު، ޖަލާލް ހުސެއިން ޖެހި ބޯޅައަކަށް އަރައި، ހާލަންޑް ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގައި ނޯވޭ އިން ތިން ވަނަ ގޯލެއް ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. މިއީ، މާޓިން އޮޑެގާޑް ނެގި ބޯޅައަކުން ލެއޯ އޮސްޓިގާޑް ބޮލުން ޖެހި ގޯލެކެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނޯވޭއިން ޖެހި ހަތަރުވަނަ ގޯލަކީ އިރާގުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި ގްރޫޕުގައި ނޯވޭ އާއި އިރާގުގެ އިތުރުން ދެން ހިމެނެނީ ފްރާންސާއި ސެނެގާލެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު ސެނެގާލްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.