ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސޯލިހްގެ އަމިއްލަ ގޯތި ވަގްފުކުރައްވައި، އޭނާގެ ދީލަތި އެހީގައި އައްޑޫ ހުޅުދޫގައި ބިނާކުރެއްވި މިސްކިތް ހުޅުވައިފި އެވެ.
'މަސްޖިދު ޒުލައިހާ މުހައްމަދު' ގެ ނަމުން ނަންދެވިފައިވާ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ހާއްސަ ރަސްމިއްޔާތުގައި، މިސްކިތް ބިނާކުރެއްވި މުހައްމަދު ސޯލިޙާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑރ. ޝަހީމް ވަނީ، ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް މިސްކިތެއް ބިނާކުރެއްވިކަމަށްޓަކައި އެކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.