ޒުވާނުންނަށް ބޭނުންވާ އެކި ފުރުސަތުތައް ހޯދައިދޭން ސަރުކާރުން މަޑަކުން ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ގެނެސްދިން "ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް" މައުލޫމާތު ސެޝަންގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަން ހަގީގަތަކަށް ހެދުމަށްޓަކާ ސަރުކާރުގެ އެއްވެސް މުއައްސަސާއެއް މަޑަކުން ނޯންނާނެ ކަމަށާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ޕާޓްނާޝިޕް ވަރަށް މުހިއްމު ކަމަށެވެ.
އަދި ޕޭޕަލް ފަދަ ހިދުމަތްތައް ރާއްޖެ އައުމުން ދެން ބަލަންވީ ކުރިއަރައިގެންދާން ކަމަށާއި އެގޮތުން ޓިކްޓޮކް އާއި ފޭސްބުކް ފަދަ ކުންފުނިތަކާއި ވާހަކަދައްކައި، ޒުވާނުންނަށް ހުރި ފުރުސަތުތައް ހޯދުމުގައި ސަރުކާރު މަޑަކުން ނޯންނާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އަދި ކަންކަން ހާސިލުވުމުން ނޫނީ އެކަންކަން ހާމަކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެހެން ނޫނީ ބޭކާރު ވާހަކަތައް ފެތުރި، ދިވެހިންނަށް ލިބެންވާ ވަރަށް ގިނަ ނަސީބުތައް ނުލިބޭ ހިސާބަށް ވެސް ގޮސްދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށެވެ. ޑިޖިޓަލް އިކޮނޮމީއެއް އުފައްދަން ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެހެންވެގެން ކަމަށާއި އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ގައުމީ އިގްތިސޯދުގެ 15 ޕަސަންޓަކީ ޑިޖިޓަލް އިގްތިސޯދަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިކަމަށް ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ސަރުކާރުގެ މަގްސަދަކީ މިފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ދިވެހި ޒުވާނުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ބަޔަކަށް ހެދުންކަމަށް ސައީދު ވިދާޅުވިއެވެ.