Last Updated: June 19, 06:09
Friday, June 19, 2026
ކުޅިވަރު

މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް މޮޅެއް

ފީފާ ވޯލްޑް ކަޕްގައި ލިއޮނަލް މެސީގެ ހެޓްރިކުން އާޖެންޓީނާ އިން 3-0 އިން އަލްޖީރިއާ ބަލިކޮށްފި އެވެ.

މިއީ ހަ ވަނަ ވޯލްޑް ކަޕްގައި ކުޅޭ މެސީ މުބާރާތުގެ ތާރީހުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. މި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕްގައި 16 ގޯލު ޖަހައިފަ އެވެ.

ކަންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 17 ވަނަ މިނެޓްގައި މެސީ ވަނީ އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އަލްޖީރިއާގެ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް މެސީ އަމާޒުކޮށްލި ބޯޅައާ އެކު ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ އަލްޖީރިއާގެ ގޯލުގައި ހުރި ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކަ ޒިދާން އަތުގައި ޖެހިފަ އެވެ.

އަދި މެޗުގެ 60 ވަނަ މިނިޓްގައި މެސީ ވަނީ އާޖެންޓީނާގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ، އޭރިއާބޭރުން އާޖެންޓީނާގެ އަލެކްސިސް މެކަލިސްޓާ ފޮނުވާލި ހަމަލާއެއް ކީޕަރު ޒިދާން އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލަށް ވައްދާލައިގެން މެސީ ކާމިޔާބުކުރި ގޯލެކެވެ. މެސީ ވަނީ 76 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މި މެޗުގައި މެސީ ހެދި ހެޓްރިކަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކް ވެސް މެ އެވެ.

މި ގްރޫޕުގައި އާޖެންޓީނާ އާއި އަލްޖީރިއާއާއެކު ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާ އެވެ. ޖޯޑަން އާއި އޮސްޓްރިއާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.