Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ފިޔާގެ ދަތިކަމެއް ނެތް: އެސްޓީއޯ

ފިޔާގެ ސްޓޮކް ހުސްނުވެ އެބަހުރި ކަމަށާއި ކުރިއެކޭ ވެސް އެއްގޮތަށް ކިލޯއެއް 13ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ފިޔާގެ ތާށިކަން ކުރިމަތިވެ، އައްޑޫ ފަދަ ބޮޑެތި ބައެއް އަތޮޅުތަކުން ވެސް ފިޔާ ލިބުން ދަތިވެފައި ވަނިކޮށް އެސްޓީއޯ އިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބާޒާރުން ފިޔާ ލިބުން ދަތިވެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމަށް ދެކެވެމުންދާ އަކީ ހަގީގަތެއް ނޫން ކަމަށެވެ.

އެގޮތުން، އެއްވެސް ބަދަލެއް ނުގެނެސް، އާންމުކޮށް ވެސް އެ ކުންފުނިން ފިޔާ ވިއްކަމުން އައި އަގުކަމަށްވާ 13ރ. އަށް މިހާރު ވެސް ކިލޯއެއް ގަންނަން ލިބެމުންދާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަދި އަތޮޅުތެރޭގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހޯލްސޭލް އުސޫލުން ފިޔާ ވިއްކުމުގެ މަސައްކަތް ފަށާނެކަން ވެސް އެ ކުންފުނިން ބުންޏެވެ. އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ބޭނުންވާ ވަރަށް ފިޔާ ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަމުގެ ޔަޤީންކަން އެސްޓީއޯ އިން ދީފައިވެ އެވެ.