Last Updated: July 11, 02:43
Saturday, July 11, 2026
މުނިފޫހިފިލުވުން

'ކަލްކީ 2' އިން އާލިއާ ފެންނާނެ

ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު 'ކަލްކީ' ގެ ދެވަނަ ބައިގެ ރޯލަކަށް އާލިއާ ބަޓް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް ސައުވީހުގައި ރިލީޒްކުރި 'ކަލްކީ 2898 އޭޑީ' ގެ ދެވަނަ ބައިގެ ރޯލަކަށް އާލިއާ ސޮއިކުރުމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، ފީގެ މައްސަލައެއްގައި މީގެ ފުރަތަމަ ބައިގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ދީޕިކާ ޕަދްކޯން އާއި ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން އޭނަ ފިލްމުގައި ހިއްސާ ނުވާން އޮތީ ނިންމައިފަ އެވެ.

އޭގެ ފަހުން ދީޕިކާގެ ރޯލަށް ސައީ ޕައްލަވީ އަދި ޕްރިޔަންކާ ޗޯޕްޅާ ނެގިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅުން ފެށިގެން 'ކަލްކީ 2' ޝޫޓިން ކުރިއަށްދާ އިރު، ކާސްޓަށް ގެނައި ބަދަލާ ބެހޭ އެއްވެސް ވާހަކައެއް ފިލްމުގެ ޓީމުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާލިއާ ފިލްމަށް ސޮއިކުރީ މުޅިން އާ ރޯލަކަށެވެ. އެހެންވެ އޭނަ ނެގީ ދީޕިކާ ބަދަލުގައި ނޫން ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އޭނަ ވެސް 'ކަލްކީ 2' އަށް ސޮއިކުރިކަން އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލްގެ ތެރެއިން އާލިއާ ކްރޫއާ ގުޅިފައިވާ ކަމަށާއި ވަރަށް ފަހުން އޭނަ ހައިދަރުއާބާދުގައި ފަސް ވަރަކަށް ދުވަހު ޝޫޓް ވެސް ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އަޝްވިންގެ އެހެން ފިލްމަކަށް އާލިއާ ނަގަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

ހުރާފީ ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން 'ކަލްކީ 2898 އޭޑީ' ގެ ކާސްޓަށް ބަލާ އިރު، ޕްރަބާސް އާއި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީގެ އިތުރުން ކަމަލް ހަސަން ފަދަ ތަރިން ހިމެނެ އެވެ. މީގެ ތެރެއިން އަމީތާބާއި ކަމަލް ހަސަން ދެވަނަ ބައިގައި ވެސް ހިމެނެ އެވެ.

'ކަލްކީ 2' ގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 3 އަށް ތާވަލުކޮށްފައި އޮތް އަލްފާ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ލަވް އެންޑް ވޯ' އާއި 'ތުމްބަޅް 2' ހިމެނެ އެވެ.