Last Updated: July 11, 17:50
Saturday, July 11, 2026
ޚަބަރު

ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީ ހޭދަ އިތުރުވެއްޖެ

ތެލުގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރާ ހޭދަ މި މަހުގެ 4 ގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ މައިގަނޑު ގޮތެއްގައި ތެލުގެ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ އިތުރުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ބުންޏެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ސަބްސިޑީއަށް ކުރި ހޭދަ ވަނީ 938.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން 4 ގެ ނިޔަލަށް ސަބްސިޑީއަށް 1.36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއަހަރުގެ އެ މުއްދަތުގައި އެއަދަދު ވަނީ 2.30 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

އެހެންވެ މިއީ 68.9 ޕަސެންޓްގެ އިތުރުވުމެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އިތުރުވުމަކީ ތެލުގެ އަގު އުފުލުނު ނަމަވެސް، ތެލުގެ ސަބްސިޑީ ދެމެހެއްޓުމަށްޓަކައި ކުރަން ޖެހުނު އިތުރު ހޭދައެކެވެ. ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށާއި، ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އިތުރުން ޒަރޫރީ މުދަލުގެ އަގަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، އިތުރުވި ޚަރަދުގެ ބޮޑު ބައެއް ސަރުކާރުން އަމިއްލައަށް އުފުލާފައިވެ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ކަރަންޓު އުފެއްދުމަށާއި، އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށާއި، އާންމު ޚިދުމަތްތަކުގެ އިތުރުން ރަށްރަށަށް މުދާ އުފުލުމުގެ އަގަށް ސީދާ ގޮތެއްގައި ކުރެ އެވެ.

މި އަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެހީ އާއި، އެކި ފަރާތްތަކަށް ދޭ ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހޭދަ 5.69 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 4.07 ބިލިއަން ރުފިޔާގަ އެވެ. މިއީ 1.62 ބިލިއަން ރުފިޔާ ނުވަތަ 39.8 ޕަސެންޓްގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ އަށް ބަލާއިރު، 2025 ވަނަ އަހަރު ހޭދަވި 14.47 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 16.87 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 2.41 ބިލިއަން ރުފިޔާ ނުވަތަ 16.6 އިންސައްތައިގެ އިތުރުވުމެކެވެ.

ސަބްސިޑީއަށް ކުރާ ހޭދަ މިގޮތަށް އިތުރުވެފައިވަނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކުން އިގްތިސާދަށް ކުރާ އަސަރު ކުޑަކޮށް، މުދަލާއި ޚިދުމަތުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.