Last Updated: June 18, 22:23
Thursday, June 18, 2026
ދުނިޔެ

ކަތިލައި، މަސް ވިއްކަން ވަގަށް ނެގި ބުޅާތަކެއް ހޯދައިފި

ކަތިލައިގެން މަސް ވިއްކުމަށްޓަކައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ބުޅާތަކެއް ހޯދައި، ވިއެޓްނާމުން ބަޔަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިިިިިިިިިިިިިިިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއަކުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

އެގޮތުން ބުޅާތައް ގެންގުޅޭ ފެސިލީޓަކުން ބުޅާތައް ވަގަށް ނަގައިގެންނާއި އޮޅުކޮށްގެންގެން މީސްމީހުން ގެންގުޅޭ ބުޅާތައް ވަގަށް ނެގުމުގެ އިތުރަށް އާންމު ތަންތަނުން ވެސް ބުޅާތައް ހޮވައިގެން ކަތިލައި، މަސް ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ހިއުމޭން ވޯލްޑް ފޯ އެނިމަލްސް އިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މިކަމާ ގުޅިގެން ހޯ ޗީ މިންހް ސިޓީގެ ޓޭ ނިންހް ޕްރޮވިންސްގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންތަކެއްގައި އެއް ތަނަކުން ދިރިތިބި 400 އަށް ވުރެ ގިނަ ބުޅަލާއި ކަތިލައި ފިނިކޮށްފައިވާ 80 އެއްހާ ބުޅާ ފެނިފައިވެ އެވެ. އަދި އެ ސަރަހައްދުގެ އެހެން ތަނަކުން ބަންދުކޮށްފައިވާ 21 ބުޅާ ވެސް ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މީހުންނަކީ ފުޅާ ދާއިރާއެއްގައި ބުޅާ މަހުގެ ވިޔަފާރިކުރަމުން އައި ބައެއް ކަމަށް ތުހުމަތުކޮށްފައިވާ އިރު، އެ ވިޔަފާރި އެ މީހުން ކުރަމުންދާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ދިން ބަޔާންތަކުގައި ބުނެފައިވެ އެވެ.

ބުޅަލާއި ކުއްތާ މަސް ކެއުމަކީ ވިއެޓްނާމުގައި ހުއްދަ ކަމެކެވެ. އެކަމަކު އެ ޖަނަވާރުންގެ މަސް ވިއްކަން ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ. މަހުގެ ބޭނުމުގައި އަހަރެއްގެ ތެރޭގައި އެ ގައުމުގައި ގާތްގަނޑަކަށް ފަސް މިލިއަނެއްހާ ބުޅަލާއި ކުއްތާ ވަގަށް ނަގައި، ޓްރެފިކްކޮށް، ވިއްކަ އެވެ.