ރަށްރަށުގެ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ގޮވާލައި މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ގަރާރަށް މިއަދު ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އެކި ދުވަސްވަރު ބަދަލުތައް ގެނައި ނަމަވެސް، ރަށްރަށުގެ ހިންގުމަށް އެދެވޭ ބޮޑު ބަދަލެއް އައިސްފައިވާ ތަން ނުފެންނަ ކަމަށެވެ.
އަދި އެ ނިޒާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުހަނު ބޮޑަށް ބާރުއަޅުއްވާ އަދި "ޗެމްޕިއަން" ކުރައްވާ ނިޒާމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމު ހަރުދަނާކުރުމަކީ ހަމައެކަނި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި ކައުންސިލްތަކުން ދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ މިސާލެއް ދައްކަވަމުން ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ އޮނިގަނޑުގައި ގާނޫނީ ވަކީލުންނާއި، ސާވޭއަރުންނާއި، ކުރެހުންތައް އެޕްރޫވްކުރާނެ ފަންނީ ބޭފުޅުން ތިއްބެވި ނަމަވެސް، ރަށްރަށުގެ ކައުންސިލްތަކުގައި އެ ފުރުސަތު ނެތް ކަމެވެ. އެހެންވެ މިކަމުގެ ސަބަބުން ކުޑަ ގާނޫނީ އެއްބަސްވުމެއް ޑްރާފްޓް ކުރަން ޖެހުނަސް، ރަށްރަށުގެ ކައުންސިލްތަކުން ބޭރުގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކައުންސިލްތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ މިފަދަ ހެޔޮ ބަދަލުތަކަކީ މިހާރުން މިހާރަށް ބޭނުންވެފައިވާ ކަންކަން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރަށްރަށުގެ ހިންގުން ހަރުދަނާކުރުން ކަމަށް ވިދާޅުވި އެވެ. އަދި މިހާރުގެ މަޖިލިސް އެކަން ކުރަން ކަމަށް ވިދާޅުވި އެވެ.