Last Updated: July 11, 02:43
Saturday, July 11, 2026
މުނިފޫހިފިލުވުން

ޓްރަމްޕް ހިންގުވި ހާޖާނުގަނޑަށް ފިލްމެއް ހަދަނީ

ވެރިކަމުގެ ފުރަތަމަ ދައުރަށް ފަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައި ބަލިވުމުން ސަޕޯޓަރުންތަކެއް ކެޕިޓޮލް ހިލް އަށް ޖަމާކުރުވައި ބޮޑު ހާޖާނުގަނޑެއް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގެވި ހާދިސާއާ ގުޅުވައި، މަޝްހޫރު އެކްޓަރު ޝޯން ޕެން ފިލްމެއް ހަދަން ތައްްޔާރުވާން ފަށައިފި އެވެ.

އެމެރިކާގެ ރައީސްކަން 2016-2020 އަށް ކުރެއްވި ޓްރަމްޕް ދެވަނަ ދައުރަކަށް ޖޯ ބައިޑެންއާ ވާދަކުރައްވައި ބަލިވުމުން ކެޕިޓޮލް ހިލްގައި ބޮޑު ހަމަނުޖެހުންގަނޑެއް ހިންގުވީ ޖެނުއަރީ 6، 2021 ގަ އެވެ.

އެ ހާދިސާއާ ގުޅިގެން އޭރު ވަރަށް ގިނަ ބަޔަކަށް ދައުވާ ވެސް ކުރި އެވެ.

ވެރައިޓީން ބުނީ ހާދިސާއާ ގުޅުވައި ޝޯން ހަދަން ނިންމާފައިވާ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެ ދުވަހު އެތަނުގައި ހަރަކާތްތެރިވި ފުލުހެއްގެ ހަޔާތާ ގުޅުވައި ކަމަށެވެ. އަދި ނަން ސާފު ނުވާ ފިލްމުގެ ލީޑަށް މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ ގެންނަން އަންނަނީ މަސައްކަތް ކުރަމުން އަންނަ އިރު، މި ފިލްމު ހަދަނީ ވޯނާ ބްރޮސްއާ ގުޅިގެންނެވެ.

މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ނުލިބެ އެވެ.

މިހާތަނަށް ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝޯން، 65، އެންމެ ފަހުން ޑައިރެކްޓްކުރި ފީޗާ ފިލްމަކީ އޭނަ ރޯލެއް ވެސް ކުޅުނު 2021 ގެ 'ފްލެގް ޑޭ' އެވެ. ޝޯން އެންމެ ފަހުން ފެނިފައި ވަނީ އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްސްގެ މޮޅު ފިލްމަކަށް ހޮވުނު ޑައިރެކްޓަރު ޕޯލް ތޯމަސް އެންޑަސަންގެ 'ވަން ބެޓްލް އާފްޓާ އެނަދާ' އިންނެވެ.