އައްޑު އަށް ނިސްބަތްވާ ވިޔަފާވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސޯލިހް (ދަމާސް ސޯލިހް) ގެ ދީލަތި އެހީގައި ގަމުުގައި ވެސް މިސްކިތެއް ބިނާކުރަން ނިންމައި އެތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، 800 މީހުންގެ ޖާގައާ އެކު ދެ ބުރިއަށް ބިނާކުރާ މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިތުރު ބައެއް ވެރިންނާއި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި ގަން އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއޭއޭ) ގެ ވެރިންނާއި އިތުރުން ސޯލިހާއި އޭނަގެ އާއިލާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ބިނާކުރާ މި މިސްކިތަކީ ހޯލަކާއި ލައިބްރަރީއަކާއި އިތުރު އެހެން ފެސިލީޓީތައް ވެސް އެކުލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ މިސްކިތެކެވެ.
ގަމަކީ މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. އެ ރަށަކީ އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަން ދާ ރަށެކެވެ. އެގޮތުން އެއާޕޯޓާއި ކަސްޓަމާއި އިމިގްރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީ އާއި މެޓް އޮފީހާއި އެފްއެސްއެމާއި އީކްއޭޓަ ވިލެޖްގެ މުވައްޒަފުންނާއި ފުލުހުން ވެސް ގަމުގައި ވަޒީފާ އަދާކުރެ އެވެ.
ގަމަކީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ވެސް ގާއިމުކޮށްފައިވާ ރަށެވެ.
ގަމުގައި އާ އާ މިސްކިތެއްގެ ބިންގާ މިއަދު އެޅި އިރު، އެ ރަށުގައި ވެސް މިހާރު ވެސް ދެ މިސްކިތް ހުރެ އެވެ. އެއީ ކުރީގެ ދޫގަސް ކައިރީގައި ހުންނަ މިސްކިތުގެ އިތުރުން ސަދަން އޭރިއާ ކޮމާންޑްގައި ބިނާކޮށްފައިވާ މިސްކިތެވެ.
ސޯލިހުގެ ދީލަތުގައި އޭނަގެ އުފަން ރަށް، ހުޅުދޫގައި ބިނާކޮށް ދެއްވި މިސްކިތް 'މަސްޖިދު ޒުލައިހާ މުހައްމަދު' ގެ އިއްޔެ ވަނީ ހުޅުވައިފަ އެވެ. ސޯލިހްގެ އަމިއްލަ ގޯތީގައި ބިނާކުރެއްވި 200 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުއްވައި ދެއްވީ މިނިސްޓަރު ޝަހީމެވެ.