Last Updated: June 18, 22:23
Thursday, June 18, 2026
ދުނިޔެ

އިންޑިއާ ސިފައިންގެ ޔުނިފޯމަށް އާ ގަވާއިދެއް

އިންޑިއާގެ އަސްކަރީ ސަގާފަތް ޒަމާނީކޮށް، ޤައުމީވަންތަކަން ވަރުގަދަކުރުމުގެ މަގުސަދުގައި "އާމީ ޔުނިފޯމްސް–2026" ގެ ނަމުގައި އިސްލާހުކުރެވުނު އާ ގަވާއިދުތައް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ތައާރަފުކޮށްފައެވެ. މި އާ ގަވާއިދުގެ ދަށުން، އިސްތިއުމާރީ ޒަމާނުން ފެށިގެން ޢަމަލުކުރަމުން އައި ބައެއް އާދަކާދަތަކާއި، ބޭނުންކުރަމުން އައި ބައެއް ލަފުޒުތަކުގެ އިތުރުން، މުހިންމު ނޫން ބައެއް ނިޝާންތައް ބޭނުންކުރުން އުވާލުމަށް ވަނީ ނިންމާފައެވެ.

މި އާ ސިޔާސަތަކީ އަސްކަރިއްޔާގެ މުއްސަނދި ސަގާފަތާއި ފަންނީ މިންގަނޑުތައް ހިފަހައްޓަމުން، އިންޑިއާގެ މިޒަމާނުގެ އަގުތަކާ އެއްގޮތަށް ހެދުން އެޅުމުގެ ގަވާއިދުތައް ބައްޓަންކުރުމަށް ކުރެވޭ މަސައްކަތެކެވެ. އިންޑިއާ ސިފައިން ސިފަކުރާ ގޮތުގައި ޔުނިފޯމަކީ ވަކިވަކި ސިފައިންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަމާއި، އަޚުލާޤުގައި، ތަރުތީބު އަދި އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު ރަމުޒުކޮށްދޭ އެއްޗެކެވެ.

އެންމެ ފަހުން ޝާއިޢުކުރި ގަވާއިދަށް އަހަރު ފުރުމަށްފަހު ނެރުނު މި އިސްލާހުތަކުން ހާމަވަނީ، އަސްކަރީ އާދަކާދަތައް އިންޑިއާގެ މިޒަމާނުގެ ވިސްނުމާ އެއްގޮތްކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުނިފޯމަކީ ފަންނީ ޤާބިލުކަމާއި، އަމާނާތްތެރިކަމާއި، އިތުބާރު އަދި ބަރޯސާވެވޭ މިންވަރު ހާމަކޮށްދޭ އެއްޗެކެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމަކީ އަސްކަރީ އަޚުލާޤު އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ.

މި އިސްލާހުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ އިންޑިއާގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިންނަށް ޚާއްޞަކޮށްގެން އެކުލަވައިލި "ކޮމަން ޔުނިފޯމް ނަންބަރިންގ ސްކީމް" އެވެ. މި ނިޒާމުގެ ބޭނުމަކީ ސިފައިންގެ ތިން ބާރުގެ މެދުގައި މުއާމަލާތްކުރުމަށް ފަސޭހަކުރުމާއި، މަސައްކަތްތައް ގުޅުވައިލުމުގެ އިތުރުން ތަފާތު ބާވަތްތަކުގެ ޔުނިފޯމުތަކަށް ރިއާޔަތްކުރުން ފަސޭހަކުރުމެވެ.

އިންޑިއާ ސިފައިންގެ ޔުނިފޯމުތައް މައިގަނޑު ހަތަރު ބަޔަކަށް ވަނީ ބަހާލެވިފައެވެ. އެއީ ރަސްމީ މުނާސަބަތުތަކުގައި ބޭނުންކުރާ 'ސެރެމޯނިއަލް ޑްރެސް' އާއި، އާންމު މަސައްކަތްތަކުގައި ބޭނުންކުރާ 'ވޯކިންގ ޑްރެސް' އާއި، ޚާއްޞަ ޖާފަތްތަކުގައި ބޭނުންކުރާ 'މެސް ޑްރެސް' އަދި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ 'ކޮމްބެޓް ޑްރެސް' އެވެ. މި ކޮންމެ ބާވަތެއްގެ ޔުނިފޯމަކަށް ވެސް، އިދާރީ ކަންކަން ފަސޭހަކުރުމަށް ޓަކައި މިހާރު ވަނީ ވަކި ނަންބަރުތަކެއް ކަނޑައަޅާފައެވެ.

އިންޑިއާގެ މިޒަމާނުގެ ޤައުމީ ސިފަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޤައުމުގެ އަސްކަރީ ޔުނިފޯމާ ބެހޭ އާ ގަބާއިދުގައި އިސްތިއުމާރީ ޒަމާނުގެ ބައެއް އާދަކާދަތައް ދޫކޮށްލުމަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި، ރަސްމީ މަދަނީ ހެދުމެއްގެ ގޮތުގައި "ބަންޑީ ޖެކެޓު" ހިމެނުމާއި، ވަކި ޔުނިފޯމުތަކަކުން (Mess Dress Nos. 5 and 6) "ޕައުޗް ބެލްޓް" އުނިކުރުމާއި، ރިވިއުއިން އޮފިސަރުން ކަނޑި ގެންގުޅުން އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން "ރޯޔަލް" ފަދަ އިސްތިއުމާރީ ބަސްތައް ބޭނުންކުރުން ހުއްޓާލުން ހިމެނެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި މި ބަދަލުތަކަކީ އަސްކަރިއްޔާގެ ގަދަރާއި ހައިބަތު ހިފަހައްޓަމުން، ޒަމާނާ އެއްގޮތަށް ޔުނިފޯމުގެ ގަވާއިދުތައް އިސްލާހުކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެކެވެ. މިއީ އިސްތިއުމާރީ ނުފޫޒުތަކުން ދުރުވެ، އިންޑިއާގެ މިނިވަން މުސްތަގިއްލު ކަމާއި މިހާރުގެ ގަބޫލުކުރުންތަކާ ސިފައިންގެ އާދަކާދަތައް އިތުރަށް ގުޅުވައިދޭނެ ކަމެކެވެ.

"އާމީ ޔުނިފޯމްސް-2026" ގަވާއިދުގެ މަގުސަދަކީ މިހާރު ހުރި ހެދުމުގެ ގަވާއިދުތައް ލުއިފަސޭހަކޮށް، އެއްގޮތް ކުރުމެވެ. މިގޮތުން ބައެއް މުސްކުޅި ފަރުމާތައް (މިސާލަކަށް ޑްރެސް ނަންބަރު 3A) 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަރުހަލާތަކަކަށް ބަހާލައިގެން ބޭނުންކުރުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ސަބަބުން ސިފައިންގެ ތެރޭގައި ހެދުން އެއްގޮތްކުރުމަށާއި، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން، އިސްލާހުކުރެވުނު އުސޫލުތަކުގައި ޔުނިފޯމުގެ ބޭނުންތެރިކަން އިތުރުކުރުމާއި، ކުރެހުންތައް ސާފުކޮށްދިނުމާއި، ޖިންސުގެ ތަފާތުކުރުމެއް ނެތް ގޮތަށް ކަންކަން ބައްޓަންކުރުމަށް އިސްކަން ދީފައިވެ އެވެ. މިއީ ޒަމާނީ އަދި ފަންނީ އަސްކަރިއްޔާއަކަށް ބޭނުންވާނެ ސިފަތަކެކެވެ. އަސްކަރިއްޔާއިން ބުނާ ގޮތުގައި މިއީ ހަމައެކަނި ހެދުމާ ގޮތުން ދެވޭ އިރުޝާދެއް ނޫނެވެ. މިއީ އެ މުއައްސަސާގެ ވަންތަކަމާއި ސިފަތައް އަލުން ކަށަވަރުކޮށްދޭ ކަމެކެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ ގަދީމީ އާދަކާދަތައް ދެމެހެއްޓުމާއި ޒަމާނީ ބަދަލުތައް ބަލައިގަތުމާ ދެމެދު އޮތް ހަމަހަމަ އުސޫލެކެވެ. "އެޖުޓަންޓް ޖެނެރަލްސް ބްރާންޗް" ގެ ދަށުން ދޭތެރެ ދޭތެރެއިން މި ގަވާއިދުތައް މުރާޖައާ ކުރަމުންދާނެއެވެ. އެއީ ކުރިއަށް އޮތް އަހަރުތަކުގައި އޮޕަރޭޝަނަލް ބޭނުންތަކާއި މުއައްސަސާގެ އިސްކަންދޭ ކަންކަމަށް އަންނަ ބަދަލުތަކާ އެއްގޮތަށް މި އުސޫލުތައް ބެހެއްޓުމަށްޓަކަ އެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.