މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމަކަށް އައި ނަމަވެސް، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އައިއެމްއެފްގެ ވަފުދުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ފާއިތުވި އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ ހަރުދަނާކަން ދައްކުވައިދީފައިވާ ކަމަށާއި މިއީ މާލީ ފިޔަވަޅުތަކާއި، ފަތުރުވެރިކަމުގެ ކުރިއެރުމާއި، ދޭދޭ ގައުމުތަކުގެ އެހީތެރިކަމުގެ އިތުރުން ރަސްމީ ރިޒާވް އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ.
ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު އިގްތިސާދީ ކުރިއެރުން 1 އިންސައްތައަށް މަޑުޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ސަބަބުން ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކާއި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި އެހެންނަމަވެސް، މި ކުރު މުއްދަތުގެ މަޑުޖެހުމަށްފަހު އަންނަ އަހަރުން ފެށިގެން އިގްތިސާދު އިއާދަވާން ފަށާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ވިޔަފާރި މާހައުލު ރަނގަޅުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފަދަ ނިޒާމެއް ގާއިމުކުރުމަށް އައި.އެމް.އެފް އިން އިރުޝާދު ދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތައް ގާއިމުކުރަމުންދާކަން ފާހަގަކޮށް، މީގެ ސަބަބުން ބޭރުގެ މާކެޓުތަކަށް އޮންނަ ބަރޯސާ ފުޅާވެ، ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އަމިއްލަ ދާއިރާ ކުރިއެރުވުމަށްޓަކައި ގާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށް އައި.އެމް.އެފް އިން ބުނެއެވެ. ރާއްޖޭގެ ބޭރު ފައިސާގެ ހާލަތު ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ރިޒާވް ވަރުގަދަވުމަށް މަގުފަހިވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމުން، މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ލަފާދީފައެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި، ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް، މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިދިޔަ އަހަރު ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އައި.އެމް.އެފް އިން ފާހަގަކުރެއެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ އިތުރުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުން ހިމެނެއެވެ.
އިގްތިސާދީ ކުރިމަގަށް ހުރި ހުރަސްތަކުގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި، ހަކަތައިގެ އަގާއި، ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ދަތިތައް އައި.އެމް.އެފް އިން ފާހަގަކުރެއެވެ. އެހެންކަމުން، ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާންޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި، ދަރަނި މެނޭޖުކުރުމާއި، ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށް އެ އިދާރާއިން ލަފާދެއެވެ.