އުންމީދަކީ އެމްޑީޕީގެ އާ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ތަޖުރިބާއާ އެކު އެމްޑީޕީ އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނަޝީދާ މިއަދި ބޭއްވި ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ނަޝީދުއާ ބައްދަލުކޮށް އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، ޕާޓީ އިން ކުރިއަށް ގެންދަން ރޭވިފައި ހުރި މަސައްކަތްތަކާއި އަދި ޙަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
ޚާއްސަކޮށް ރަށު ކައުންސިލްތަކާ އެކު ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ހެޔޮ ވެރިކަމެއްގެ މިސްރާބަށް ޤައުމު ގެންދިޔުމަށްޓަކައި އެމްޑީޕީ އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމުގެ މުހިންމުކަމާ މެދު ވާހަކަ ދެކެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އުންމީދަކީ ރައީސް ނަޝީދުގެ ސިޔާސީ ތަޖުރިބާއާ އެކު އެމްޑީޕީ އިތުރަށް ވަރުގަދަ ވެގެން ދިޔުން." އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ނައިބު ރައީސްކަން ކުރެއްވީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ. އެ މަނިކުފާނު ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި އިރު ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. ނަމަވެސް ފަހުން އެމްޑީޕީ އަށް ބަދަލުވެވަޑައިގެންނެވި އެވެ.