Last Updated: June 18, 22:23
Thursday, June 18, 2026
މުނިފޫހިފިލުވުން

'ބަޓްވާރާ 1947' ގެ މައިގަނޑު ޕޯސްޓަރުތަކެއް

އާމިރު ހާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް އޮގަސްޓް މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު 'ބަޓްވާރާ 1947' ގެ މައިގަނޑު ކާސްޓުންގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ ސަނީ ޑިއޯލް އާއި އަހަރުތަކެއް ފަހުން އެނބުރި ސްކްރީނަށް އަންނަ ބަތަލާ ޕްރިތީ ޒިންތާ އާއި ޝަބާނާ އާޒްމީ އާއި އަލީ ފަޒަލް އާއިން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ އިތުރުން އަބިމަންޔޫ ސިންގް އެވެ.

މިއަދު ދައްކައިލީ މި ކާސްޓުންގެ ވަކިވަކި ޕޯސްޓަރުތަކެވެ.

'ބަޓްވާރާ 1947' އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މިއީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ވަރަށް ތަފާތު ވާހަކައެެއް ކިޔައިދޭނެ ފިލްމެކެވެ.

އޭއާރް ރަހުމާން މިއުޒިކް ހަދާފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް 14 ގަ އެވެ.

'ބަޓްވާރާ 1947' ގެ ޑައިރެކްޓަރު ސަންތޯޝީ އަކީ ކުރިން ސަނީއާ އެކު ވަރަށް ކާމިޔާބު ތިން ފިލްމު ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެ ތިން ފިލްމަކީ 1990 ގެ 'ގާޔަލް' އާއި 1993 ގެ 'ދާމިނީ' ގެ އިތުރުން 1996 ގެ 'ގަތަކް' އެވެ. މީގެ ތެރެއިން 'ދާމިނީ' ގައި ސަނީ ކުޅުނު ވަކީލެއްގެ ރޯލުން އޭނަ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.