Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލަކު ސިޓީގެ އެއާޕޯޓް ސަރަހައްދުގައި އާ އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.

ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި ހުޅުވި މި އޭޓީއެމްއަކީ އެ ސިޓީގައި ގާއިމުކުރެވުނު 4 ވަނަ އޭޓީއެމްއެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާ މުހިންމު ޚިދުމަތެކެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުން، ރައްޔިތުން މި ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަވާކަމަށް ބޭންކުން ފާހަގަކުރެއެވެ. ފުވައްމުލަކުގައި މިދިޔަ އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.

ސަރުކާރުން ފަށާފައިވާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެންމެ 9 މަސް ދުވަހުގެ ތެރޭގައި 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިންމާފައިވާކަމަށް ބޭންކުން ބުނެއެވެ.