Last Updated: June 18, 22:23
Thursday, June 18, 2026
ކުޅިވަރު

ކޭންގެ ދެ ގޯލުން އިންގްލެންޑަށް ރަނގަޅު ފެށުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އަތުން 4-2 އިން ކުރިހޯދައި، އިންގްލެންޑުން މޮޅަކުން މުބާރާތް ފަށައިފި އެވެ.

މި މެޗު ފަށައިގެން 12 ވަނަ މިނިޓްގަައި ކޭން ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މިއީ، އިންގްލެންޑްގެ ނޯނީ މަޑުއޭކޭ އަށް ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ކުރި ފައުަލަކަށް ދިން ޕެނަލްޓީ އެކެވެ.

ނަމަވެސް ކްރޮއޭޝިއާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި މާޓިން ބަޓުރީނާގެ ގޯލުން ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ އިންގްލެންޑުންނެވެ. ޑެކްލަން ރައިސް ކޯނަރަކުން ނެގި ބޯޅައަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހެރީ ކޭން އެވެ. ފުރަތަމަ ހާފްގެ އެންމެފަހު ސިކުންތުކޮޅުތެރޭ ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން ޕީޓާ މޫސާ ވަނީ ދެވަނަ ފަހަރަށް ކްރޮއޭޝިއާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަަމަވެސް ދެ ވަނަ ހާފު ފެށިގެން ދެ މިިނިޓް ތެރޭ އިންގްލެންޑުން އަނެއްކާ ވެސް ލީޑުނެގި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ބެލިންހަމް މި ގޯލު ޖެހީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލުގެ ދުރު ކަަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ފަހުން، ކޭން އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ.

އިންގްލެންޑް މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އަރައި، 86 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެޝްފޯޑް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ގްރޫޕުގައި އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ހިމެނެނީ ގާނާ އާއި ޕެނަމާއެވެ.