Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

ރައީސް ހުންނެވީ އެކަނިވެރިވެފައި، ސަރުކާރު ވެއްޓޭނީ އަމިއްލައަށް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަނިވެރިވެފައި ކަމަށާއި މި ސަރުކާރު އަމިއްލައަށް ވެއްޓުމަކީ ގާތް ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ފާހަގަވަނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ މެދު ކަންތައް ކުރެއްވިގޮތުން ރައީސް މުއިއްޒުގެ ބޭވަފާތެރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ކަމަށެވެ.

ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު މިހާރު ކަންބޮޑުވާންވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅެދާނެތީ ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. ނަމަވެސް އެބޭފުޅާ އަމިއްލަ އަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މި އަހަރު ނިމުނުގެ ކުރިން ސަރުކާރު ބަދަލުކުރާނެ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާއިރު، ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނަޝީދު ވަނީ މަޖިލީސް މެދުވެރިކޮށް ނުވަތަ ރައީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވުން އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.