Last Updated: June 18, 22:23
Thursday, June 18, 2026
ކުޅިވަރު

ޕޯޗުގަލަށް ލިބުނީ އުއްމީދުކުރި ފަދަ ފެށުމެއް ނޫން

ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލަށް ލިބުނީ އުއްމީދުކުރި ފަދަ ފެށުމެއް ނޫން ކަމަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕޯޗުގަލް އަކީ މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި މެޗުގައި ކުޅެ، ހަ ވޯލްޑް ކަޕެއްގައި ކުުޅުނު ފުރަތަމަ ޔޫރަޕްގެ ކުޅުންތެރިޔާގެ ޝަރަފް ހޯދިއިރު، މި މެޗުގައި އޭނާއަށް އެންމެ އެދެވޭ ފަދަ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެ އެވެ.

މެޗަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނީ ޕޯޗުގަލް އަށް ލިބުނީ އެންމެ އުއްމީދުކުރި ފަދަ ފެށުމެއް ނޫން ކަމަށާއި ނަމަވެސް، ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައިގެން އަދި ނުވާނެ ކަމަށެވެ. އަދި ހިތްވަރު އެލުވާނުލައި، ދެން އޮތް މެޗަށް ފުރިހަމައަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕޯޗުގަލުން ކަމަށްވާއިރު، މި ގޯލު މެޗުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖައޯ ނެވޭސް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިސާ ވަނީ ކޮންގޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ޕޯޗުގަލް ނިކުންނާނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.