ފީފާ ވޯލްޑް ކަޕްގައި މިރޭ ފަހު ވަގުތު ޖެހި ގޯލުން ގާނާ އިން 1-0 އިން ޕެނަމާ ބަލިކޮށްފި އެވެ.
ގްރޫޕް "އެލް" ގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ޕެނަމާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޕެނަމާގެ ފޯވާޑް ސެސެލިއޯ ވޯޓަމަން އެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް ދިފާއުކުރީ ގާނާގެ ކީޕަރު ލޯރެންސް އެވެ.
ދެވަނަ ހާފުގައި ގާނާއިން ބަދަލުތައް ގެނެސް ކުޅުން ރަނގަޅުކުރިއިރު، އެޓީމުން ދިޔައީ ތަންކޮޅެއް ކުރިއަށް ޖެހިލައިގެން ޕެނަމާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. މި ހާފުގައި ކައުންޓަ އެޓޭކުތަކުގައި ފުރުސަތުތަކެއް ތަނަވަސްކުރި ޕެނަމާ އިން ވެސް މަސައްކަތް ކުރި އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ގާނާއަށް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަލެބް ޔިރެންކީ އެވެ. މިއީ ޕެނަމާގެ އޭރިއާ ތެރެއަށް ވަދެ އަސަންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު ކުރިމަތީ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ޕެނަމާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެޓީމުގެ ކުޅުންތެރިއަކު ގާނާގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ގާނާގެ ކީޕަރެވެ.
މި ގްރޫޕްގައި މިރޭ އިންގްލެންޑުން ވަނީ 4-2 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ.