Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

އުތުރު ދާއިރާގެ ޕީއެންސީގެ ރައީސަކަށް ސިނާނު ވާދަކުރަނީ

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ގެއްލުނު މުހައްމަދު ސިނާން އެ ދާއިރާގެ ޕީއެންސީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީގެ އެތެެރޭގެ އިންތިހާބަށް ތައްޔާރީތައްވަމުން އަންނަ އިރު، އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި އުތުރު ދާއިރާގެ ޕީއެންސީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާތީ އެ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ދާއިރާގެ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާއި، އިޚްލާސްތެރި އެއްބާރުލުމަށް ނުހަނު ބޮޑަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ސާބިތު ދަރަނީގެ މައްސަލައެއްގައި ސިނާނަށް މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.

އެހެންވެ އެ ގޮނޑި ހުސްވުމާ އަލުން މެންބަރަކު ހޮވަން ބައި-އިލެކްޝަނަށް ހުޅުވައިލުމުން ޕީއެންސީގެ ފަރާތުން ގޮނޑި އަށް ވާދަކުރައްވަން ނިންމަވައި، ސިނާން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ވެސް ކާމިޔާބު ކުރެއްވި އެވެ. އެކަމަކު ފަހުން ޕީއެންސީން ވަނީ އޭނަގެ އަތުން ޓިކެޓް އަތުލައި، ޕްރައިމަރީން ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށް ޓިކެޓް އެވެ.

އެއާ އެކު މި މަހުގެ 6 ގައި ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރެއްވީ ސޮޑާ އާއި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި ގޮނޑި ކާމިޔާބު ކުރައްވައި މިދިޔަ ހޯދަ ދުވަހު މެންބަރުކަމުގެ ހުވާކުރެއްވީ ސޯބެ އެވެ.

އުތުރު ދާއިރާގެ ޕީއެންސީގެ ރައީސް ކަމަށް ސިނާން ވާދަކުރައްވަން ނިންމެވި އިރު، އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ.