Last Updated: June 18, 22:23
Thursday, June 18, 2026
މުނިފޫހިފިލުވުން

ސަލްމާން އަލަށް ފަރުހާންގެ ފިލްމެއް ކުޅެނީ

ސަލްމާން ޚާން އަލަށް ޑައިރެކްޓަރު ފަރުހާން އަޚްތަރާ އެކު މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފަރުހާނަކީ އޭނަ އެންމެ ފަހުން އިއުލާންކުރި ދެ ފިލްމު ކަމަށްވާ 'ޑޮން 3' އާއި 'ޖީ ލޭ ޒަރާ' ވެސް އެކިއެކި ސަބަބުތަކާ ހެދި ހެދުމުގެ ފުރުސަތު ނުލިބި ހުރި ޑައިރެކްޓަރެވެ. ކަން މިހެން އޮއްވައި އޭނަ މިހާރު ސަލްމާން ހިމަނައިގެން ބޮޑު ބަޖެޓަކުން ތާރީހީ އެކްޝަން ޑްރާމާއެއް ހަދަން ތައްޔާރީތައްވަމުން އަންނަ ކަމަށާއި އެ ފިލްމަކީ ދެ ބަޔަކަށް ގެނެސްދޭ ގޮތަށް ހަދަން ނިންމާފައިވާ ފިލްމެއް ޕިންކްވިލާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި ފަރުހާނާއި އޭނަގެ ވިޔަފާރީގެ ޕާޓްނަރު ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓައިމަންޓްގެ މި ފިލްމުގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ އަންނަ އަހަރުގެ މެއި/ޖޫން ހިސާބުގަ އެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާ އާއި ހިޔާލު ބަދަލު ކުރަން ފަރުހާނާއި ސަލްމާން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ.

ސަލްމާނާއި ފަރުހާން މިހާތަނަށް އެކީގައި އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރި ނަމަވެސް މި ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އަދި ސަލްމާންގެ ބައްޕަ ސަލީމް ޚާނާއި ފަރުހާންގެ ބައްޕަ ޖާވިދު އަޚްތަރަކީ ކުރިން ގުޅިގެން ވަރަށް ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔެފައިވާ ބައެކެވެ.

އެ ދެ މީހުން ގުޅިގެން ލިޔުނު ސްކްރިޕްޓްތަކަށް 70 އާއި 80 ގެ ތެރޭގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ހަދާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ 1975 ގެ 'ޝޯލޭ' އެވެ.

ސަލީމާއި ޖާވިދުގެ އެ މަސައްކަތަށް ބިނާކޮށް 2024 ގައި އެންގްރީ ޔަންގް މެންގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ޑޮކިއުމަންޓަރީއެއް ވެސް ގެނެސްދީފައުވެ އެވެ. އެ ޕްރޮޑިއުސް ކުރަނީ އެކްސަލް އާއި ސަލްމާންގެ ފިލްމު ކުންފުނި، އެސްކޭއެފް ގުޅިގެންނެވެ.

ސަލްމާން ހިމަނައިގެން ފިލްމެއް ޑައިރެކްޓް ކުރަން ފަރުހާން ތައްޔާރީތައްވަމުން އަންނަ އިރު، ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު ވަަމްޝީ ޕައިޑްޕައްލީގެ އަދި ނަން އިއުލާން ނުކުރާ އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަސައްކަތް ނިންމާފައި އޮތަސް އަދި ރިލީޒް ކުރާނެ ތާރީހެއް ނިންމާފައި ނުކުރާ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ 'މާތުރަބޫމީ' ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ވަނީ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމަކަށް ވެސް ފެހި ސިގްނަލް ދީފަ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސިކަންދަރު' އެވެ.