ހިޖުރީ ތާރީޚު އެންމެ ފުރަތަމަ ކަނޑައެޅުއްވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި މުސްލިމުންގެ ކަލަންޑަރު ފެށޭ ތާރީޚެއްގެ ގޮތުގައި، ރަސޫލާ صلى الله عليه وسلم އުފަންވެވަޑައިގަތް ތާރީޚު ނުވަތަ ރަސޫލުކަން ލިބިވަޑައިގަތް ތާރީޚު ނުވަތަ ސުވަރުގެވަޑައިގަތް
ތާރީޚުގެ ބަދަލުގައި، ހިޖުރަކުރެއްވި ތާރީޚު އިޚުތިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟
ހިޖުރީ ތާރީޚު އެންމެ ފުރަތަމަ ކަނޑައެޅުއްވީ ކޮން ބޭފުޅެއް؟
މުސްލިމުންގެ ތާރީޚު ހިޖުރީ ގޮތުން ގުނުމަށް އެންމެ ފުރަތަމަ އަމުރުކުރެއްވީ أمير المؤمنين عمر بن الخطاب رضى الله عنه އެވެ. އެއީ ހިޖުރައިން 17 ނުވަތަ 18 ވަނަ އަހަރުގައެވެ. ސަބަބަކީ އެ ދުވަސްވަރު ވެރިންނަށާއި ފަނޑިޔާރުންނަށް ފޮނުވޭ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި އަހަރު ލިޔެފައި ނުވުމުގެ ސަބަބުން، އެ ލިޔުންތަކަކީ ކޮން ތާރީޚެއްގައި ފޮނުވި އެއްޗެއްކަން ދެނެގަތުމުގައި އޮޅުންތަކެއް އެރިއެވެ. އެހެންކަމުން، މުސްލިމުން ތާރީޚު ގުނާނެ ވަކި ނިޒާމެއް ކަނޑައެޅުމަށްޓަކައި ޢުމަރުގެފާނު ޞަޙާބީން އެއްކުރައްވައި މަޝްވަރާކުރެއްވިއެވެ.
މުސްލިމުން ތާރީޚެއް ކަނޑައަޅަން ބޭނުންވީ ކީއްވެ؟
ޢުމަރުގެފާނުގެ ޚިލާފަތުގައި އިސްލާމީ ދައުލަތް ފުޅާވެ، އެކި ސަރަޙައްދުތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާއި ލިޔެކިޔުންތައް އިތުރުވިއެވެ. އެހެންކަމުން، އެއްބަސްވުންތަކާއި، އަހުދުނާމާތަކާއި، ސިޓީތަކާއި އަދި ފަނޑިޔާރުގެތަކުން ނެރޭ ޙުކުމްތައް ތަރުތީބުކޮށް ބެލެހެއްޓުމަށާއި، ތާރީޚު އޮޅުން އެރުން ހުއްޓުވުމަށްޓަކައި ވަކި ނިޒާމެއްގެ ބޭނުންތެރިކަން ބޮޑުވިއެވެ.
ތާރީޚު ފެށޭ ތާރީޚެއްގެ ގޮތުގައި "ހިޖުރަ" އިޚުތިޔާރު ކުރެވުނީ ކީއްވެ؟
ތާރީޚު ފަށާނެ މުހިންމު ހާދިސާއަކާ މެދު ޞަޙާބީން މަޝްވަރާކުރެއްވިއެވެ. ބައެއް ބޭކަލުން ރަސޫލާ صلى الله عليه وسلم އުފަންވެވަޑައިގަތް ތާރީޚު ހުށަހެޅުއްވިއެވެ. އަނެއްބައިބޭކަލުން ރަސޫލުކަން ލިބިވަޑައިގަތް ތާރީޚު ނުވަތަ ސުވަރުގެވަޑައިގަތް ތާރީޚު ހުށަހެޅުއްވިއެވެ. ނަމަވެސް އެންމެ ފަހުން އިއްތިފާޤުވީ ނަބަވީ ހިޖުރައިން ތާރީޚު ފެށުމަށެވެ. ސަބަބަކީ ހިޖުރައަކީ އިސްލާމީ ތާރީޚުގެ އެންމެ ބޮޑު ދެ މަރުޙަލާ ވަކިކޮށްދިން ފާހަގައެވެ. އެ ހާދިސާއާއެކު މުސްލިމުން ނިކަމެތިކަމުން އަރައިގަނެ، އިސްލާމީ ދައުލަތް ބިނާކުރަން ފެށިއެވެ. އަދި އުންމަތުގެ މިނިވަންކަމާއި ވަކިވަކިވަކި ކާކުކަން ހާމަވެގެންދިޔައީ ހިޖުރައިގެ ސަބަބުންނެވެ.
ހިޖުރީ އަހަރު "މުޙައްރަމް" މަހުން ފެށެނީ ކީއްވެ؟
ރަސޫލާ صلى الله عليه وسلم ހިޖުރަކުރެއްވީ ރަބީޢުލް އައްވަލް މަހުގައެވެ. އެހެންނަމަވެސް، އަހަރުގެ ފުރަތަމަ މަހަކީ މުޙައްރަމް މަސް ކަމުގައި ޞަޙާބީން އިޚުތިޔާރުކުރެއްވީ ސަބަބުތަކަކާ ހުރެއެވެ. އެއީ ޢަރަބި އަހަރުގެ މަސްތައް ފެށެނީ އެ މަހުން ކަމަށްވާތީއެވެ. އަދި ހިޖުރަކުރުމުގެ ޢަޒުމް ކަނޑައެޅުނީ މުޙައްރަމް މަހުގެ ކުރިން އޮތް ޢަޤަބާ ބައިޢަތަށް ފަހުގައެވެ. މީގެ އިތުރުން، އަހަރުގެ މުހިންމު އަޅުކަންތައް (ޙައްޖާއި ޢުމްރާ) ނިމުމަށްފަހު އަންނަ ފުރަތަމަ މަހަކީ މުޙައްރަމް މަސް ކަމަށްވާތީ، އާ އަހަރެއް ފެށުމަށް އެންމެ އެކަށީގެންވާ މަހަކީ އެއީ ކަމަށް ފެނިވަޑައިގަތީއެވެ.
ހިޖުރީ ތާރީޚާއި އަޅުކަންތަކާ ހުރި ގުޅުމަކީ ކޮބާ؟
ހިޖުރީ ތާރީޚަކީ ގިނަ އަޅުކަންތަކަކާ ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚެކެވެ. އެއީ ހަނދުގެ މަސްތަކުގެ މައްޗަށް ބިނާވެފައިވާ ތާރީޚެކެވެ. މާތްﷲ ވަނީ ހަނދަކީ މީސްތަކުންނަށް ވަގުތުތައް ބަލާނެ މިންގަނޑެއް ކަމުގައި ލައްވާފައެވެ. البقرة: 189 ގައިވެއެވެ: (يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ) މާނައީ: "ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި حج ގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ."
ހިޖުރީ ތާރީޚާ ގުޅިފައިވާ މުހިންމު އަޅުކަންތަކުގެ ތެރޭގައި ހިމެނެނީ:
ރޯދަ ހިފުން: ރަމަޟާން މަހުގެ ރޯދަ ފެށުމާއި ނިމުން ބިނާވެފައިވަނީ ހަނދު ފެނުމުގެ މައްޗަށެވެ.
ޒަކާތް: ގިނަ މުސްލިމުން ޒަކާތް ނެރުމުގެ މުއްދަތު (ޙައުލު) ހަމަވުން ބަލަނީ ހިޖުރީ އަހަރުންނެވެ.
ޙައްޖު: ޙައްޖުގެ އަޅުކަން އަދާކުރެވެނީ ޛުލްޙިއްޖާ މަހުގެ ކަނޑައެޅިފައިވާ ދުވަސްތަކެއްގަ އެވެ.
ޙުރުމަތްތެރިވެގެންވާ މަސްތައް: ޚާއްޞަ ޙުކުމްތަކާއި މަތިވެރިކަން ލިބިގެންވާ ހަތަރު މަސް (މުޙައްރަމް، ރަޖަބް، ޛުލްޤަޢިދާ، ޛުލްޙިއްޖާ) ކަނޑައެޅެނީ މި ތާރީޚުންނެވެ.
ސުންނަތް ރޯދަ: ޢާޝޫރާ ދުވަހާއި، ޢަރަފާތް ދުވަހާއި، ކޮންމެ މަހެއްގެ أيام البيض ގެ ދުވަސްތަކުގެ ރޯދަ ހިފުން ގުޅިފައިވަނީ ހިޖުރީ މަސްތަކާއެވެ. والله أعلم (މަޞްދަރު: ޑރ. އާލާ އަލްޤާޟީ)
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.