މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ އެންމެ އާދަޔާޚިލާފު ކަމަކީ، އިންތިޚާބުތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމަކީ ރައްޔިތުންގެ ތާއީދު އޮތްކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރާ "ޕީއެންސީ ލޮޖިކް" އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރެންދާއިރު، ޑިމޮކްރެޓިކް ހަމަތަކުން ބަލާނަމަ ބައި-އިލެކްޝަން ތަކަކީ ސަރުކާރުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަޒަންކޮށްލަން ލިބޭ "މެދު ދައުރުގެ" އިމްތިހާނެކެވެ. މި މުއްދަތުގެ ތެރޭގައި ބޭއްވުނު އިންތިޚާބުތަކާއި ރިފަރެންޑަމްތަކުގެ ނަތީޖާތަކަކީ ސަރުކާރަށް އޮތް ސީރިއަސް އިންޒާރަކަށް ވާންޖެހޭނެއެވެ.
ފުރަތަމަ އިމްތިހާނަކީ ފޭދޫ ރިފަރެންޑަމްއެވެ. އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލެއް އުފެއްދުމަށް ފޭދޫ ރައްޔިތުންނަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއެޅިއެވެ. ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އައްޑޫގައި ކެމްޕޭންކޮށް، ދައުލަތުގެ ވަސީލަތްތަކާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފިއެވެ. ނަމަވެސް، ނަތީޖާ އަކީ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމެވެ. ވޯޓުލީ މީހުންގެ 75 އިންސައްތަ މީހުން ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވޯޓު ދިންއިރު، ތާއީދުކުރީ އެންމެ 25 އިންސައްތަ މީހުންނެވެ.
ދެވަނަ ރިފަރެންޑަމްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ސަރުކާރުން ވަކާލާތު ކުރި ނަމަވެސް، ރައްޔިތުން ވަނީ 70 އިންސައްތަ ވޯޓުން އެކަންވެސް ބަލައިނުގެންފައެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ސަރުކާރު ހިންގާ ޕާޓީއަށް ބޮޑެތި ސިޓީތަކުންނާއި ގިނަ ރަށްތަކަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުކަމުގެ ފަސް ގޮނޑިވެސް ސަރުކާރަށް ގެއްލުމަކީ ސިޔާސީ ގޮތުން ލިބުނު ވަރުގަދަ އިންޒާރެކެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުންވެސް ފެނިގެންދިޔައީ ހަމަ މިފަދަ ނަތީޖާތަކެކެވެ.
އެންމެ ފަހުން ބޭއްވުނު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނުންވެސް ސަރުކާރަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. މީގެ ކުރިން ސަރުކާރު ހިންގާ ޕާޓީ އަށް އޮތް އެ ގޮނޑި، ރައްޔިތުން މިފަހަރު ދިނީ އިދިކޮޅު އެމްޑީޕީއަށެވެ.
މި ހުރިހާ ނަތީޖާތަކަކުން ވެސް ބުނެދެނީ އެއް ވާހަކައެކެވެ. އެއީ ސަރުކާރުން ބާރުއަޅާ ކަންކަމަށާއި ކެންޑިޑޭޓުންނަށް ރައްޔިތުން ތަކުރާރުކޮށް "ނޫނެކޭ" ބުނަމުންދާ ކަމެވެ. އާންމުކޮށް ޑިމޮކްރެޓިކް ޤައުމުތަކުގައި މިފަދަ ހާލަތެއްގައި ސަރުކާރުން އެތެރޭގެ މުރާޖަޢާއެއް ކުރާނެއެވެ. އިޤްތިޞާދީ ދަތިތަކާއި، ކޮރަޕްޝަނާއި، އަދި ސިޔާސަތުތަކާމެދު ރައްޔިތުން ހިތްހަމަނުޖެހެނީ ކީއްވެގެންތޯ ބަލާނެއެވެ.
ނަމަވެސް، ރާއްޖޭގެ ސަރުކާރުގެ ތަރުޖަމާނުންނާއި ޕީއެންސީ އަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން މި ނަތީޖާތައް މާނަކުރައްވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ނާކާމިޔާބީތަކަކީ ރައީސް މުޢިއްޒުގެ އިޞްލާޙީ އެޖެންޑާއަށް ރައްޔިތުން ކުރާ އިތުބާރުގެ ހެއްކެކެވެ. މިއީ "ޕީއެންސީ ލޮޖިކް" އެވެ. ބަލިވުމަކީ މޮޅުވުމެއްގެ ގޮތުގައި ދެއްކުމެވެ.
ސިޔާސީ މަޤްޞަދެއްގައި މިފަދަ ވާހަކަތަކެއް ދައްކައިގެން ވަގުތީ ހިތްހަމަޖެހުމެއް ހޯދިދާނެ ކަމުގައި ވިޔަސް، އިންތިޚާބީ ނަތީޖާއިން ހާމަވާ ޙަޤީޤަތަކަށް ބަދަލެއް ނާންނާނެއެވެ. ވޯޓުފޮށީގެ ޒަރީޢާއިން ރައްޔިތުން ފާޅުކުރާ ނިންމުމަކީ ސަރުކާރާ މުޢާމަލާތްކުރެވޭ އެންމެ ސީދާ އަދި އެންމެ ވަރުގަދަ ވަސީލަތެވެ. އެ މެސެޖުތަކަށް ފުރަގަސްދީ، ބީރު ކަންފަތެއް ދިނުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޙަޤީޤީ ސުވާލަކީ، އިންތިޚާބީ ނާކާމިޔާބީއަކީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްގެން ސަރުކާރަށް ކިހާ ދުވަހަކު ދެމިއޮވެވިދާނެތޯއެއް ނޫނެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ އަޑުއަހައި އެމީހުން ބޭނުންވާ ގޮތަށް ކަންކަން އިޞްލާޙުކުރަން ސަރުކާރު ތައްޔާރަށް އޮތްތޯ ކުރެވޭ ސުވާލު މާ މުހިންމެވެ. ރައީސުލްޖުމްހޫރިއްޔާ އަށާއި މިހާރުގެ ސަރުކާރަށް ރައްޔިތުން ވަނީ ސާފު ބަހުން ނޫނެކޭ ބުނެފަ އެވެ. އެހެންކަމުން، މިވަގުތު އެންމެ ބުއްދިވެރި ގޮތަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، މަޤާމުން ވަކިވެވަޑައިގަތުމުގެ ތައްޔާރީތައް އަވަހަށް ފެއްޓެވުމެވެ.