ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ، މާލޭ ކޮމާޝަލް ހާބަރުގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިއޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތުދެއެވެ.
މި މައްސަލަ ކަސްޓަމްސްއިން ދަނީ، އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސްއިން 5600 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާއިރު، މިމަހުގެ 14 އަދި 15 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 1،108 ވޭޕް ކާޓްރިޖު އަދި 27 ޑިވައިސް ހޯދާފައިވެއެވެ.