މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފި އެވެ.
ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި ފަށާފައިވާ ހިދުމަތެކެވެ. މި ހިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.
މާލޭ ޓެކްސީލައިންގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި، އެޕްރިލް މަހުގެ 2ވަނަ ދުވަހު ވަނީ ފަށާފަ އެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްދީފަ އެވެ. މި ހިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ރާއްޖެ ގެނެސްފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކުން ފެށިގެން، އެއާޕޯޓް ދަތުރުތަކާއި ފޮށިތަންމަތި އުފުލޭނެ ފަދަ ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެ އެވެ.