Last Updated: June 18, 22:23
Thursday, June 18, 2026
ޚަބަރު

އޭޑީބީގެ އެހީގައި ޖަމިއްޔާތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށް ގެންދާ ސްޓްރެންތެނިން ޖެންޑަ އިންކްލޫސިވް އިނިޝިއޭޓިވްސް (އެސްޖީއައިއައި) މަޝްރޫޢުގެ ދަށުން، މަދަނީ ޖަމިޢިއްޔާތަކަށް ދޫކުރާ ގްރާންޓަށް އެދުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި އެހީ ޚާއްސަކޮށްފައި ވަނީ ގެވެށިއަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކަށް ކަމަށެވެ.

އެހެންވެ މި ގްރާންޓްގެ މައިގަނޑު މަގުސަދަކީ އެސްޖީއައިއައި މަޝްރޫޢުގެ ތެރެއިން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އާއި އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މަދަނީ ޖަމުޢިއްޔާތަކުން އިސް ނަގައިގެން ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 8 އާ ހަމައަށެވެ.