Last Updated: June 18, 22:23
Thursday, June 18, 2026
ދުނިޔެ

ޖަޕާންގެ އައިސް ކްރީމް ކުންފުނިތަކެއް ރެއިޑްކޮށްފި

ޖަޕާންގައި އައިސް ކްރީމް އުފައްދާ އެންމެ ބޮޑެތި ކުންދުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކެއް ގުޅިގެން އަގުބޮޑުކޮށް އުފެއްދުން ވިއްކަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުގައި ހަ ކުންފުންޏެއް ރެއިޑްކޮށްފި އެވެ.

ޖަޕާން ފެއާ ޓްރޭޓް ކޮމިޝަން (ޖޭއެފްޓީސީ) އިން އަންގާރަ ދުވަހު ރެއިޑްކުރި ހަ ކުންފުނީގެ ތެރޭގައި ހިމެނެނީ މެއިޖީ، މޮޮރިނާގާ މިލްކް އިންޑަސްޓްރީ، ލޮޓޭ، މޮރިނާގާ، އެޒާކީ ގްލިކޯ އަދި އަކާގީ އެންޔުގްޔޯ އެވެ.

މި ކުންފުނިތައް ގުޅިގެން ހިންގި ޕްރައިސް-ފިކްސިންގައި އުފެއްދުންތަކުގެ އަގުތައް ފާއިތުވި މުއްދަތުގެ ތެރޭގައި 5-10 ޕަސެންޓް ބޮޑުކޮށްފައިވެ އެވެ. އެގޮތުން އައިސް ކްރިމްގެ ތަފާތު ބާވަތްތައް އުފައްދަން ބޭނުން ކުރާ ރޯ މެޓީރިއަލްތަކުގެ އަގާ ނުބައްދަލުކޮށް، އުފެއްދުންތަކުގެ އަގުބޮޑުކޮށް ވިޔަފާރީގައި ނާޖާއީޒު ފައިދާތައް ނަގަން މަސައްކަތްކޮށްފައިވާ ކަމަށް ކުންފުނިތަކުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ވަކިން ހާއްސަކޮށް މި ޕްރައިސް-ފިކްސިންގެ ތެރެއިން ހޫނު ދުވަސްވަރާ ދިމާކޮށް ބޮޑެތި ފައިދާތަކެއް ނަގަން ކުންފުނިތަކުން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ކުންފުނިތައް ރެއިޑް ކުރުމަށް ފަހު، އެ ކުންފުނިތަކުގެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ތަހުގީގާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޖޭއެފްޓީސީން އަދި ހާމައެއް ނުކުރެ އެވެ.

ރެއިޑްކުރި ބައެއް ކުންފުނިތަކުން ނެރުނު ބަޔާންތަކެއްގައި ބުނީ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށެވެ.