ޕީއެންސީ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީ ބައިބައިވެފައިވާ ކަމަށާއި މިއީ އެ ޕާޓީގެ ލީޑަޝިޕުން ރައީސް މުއިއްޒު ދުރުކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަތައް ދައްކާނެ ކަމެއް ނެތް ކަމަށާއި ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ޕާޓީ ކަމަށާއި އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީ ކަމަށްވާއިރު، އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހީންގެ ގައުމު ކަމަށް ވިދާޅުވި އެވެ.
"މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ފާހަގަވަނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ މެދު ކަންތައް ކުރެއްވިގޮތުން ރައީސް މުއިއްޒުގެ ބޭވަފާތެރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ކަމަށެވެ.
ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު މިހާރު ކަންބޮޑުވާންވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅެދާނެތީ ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. ނަމަވެސް އެބޭފުޅާ އަމިއްލަ އަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް،" ނަޝީދު ވިދާޅުވި އެވެ.