ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ކަސްޓަމަރުންނަށް މި ލުއިތަކުގެ ފައިދާ މި މަސް ނިމުމުގެ ކުރިން ފެންނަން ފަށާނެ ކަމަށެވެ.
ބީއެމްއެލުން މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ބޭރު ގައުމުތަކުގައި ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި ބޭސްފަރުވާ، ތައުލީމް، އެއާލައިން ޓިކެޓް އަދި ހޮޓާ ބުކިން ފަދަ ކަންކަމަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ.
ބީއެމްއެލް އިން ބުނީ މި ލިމިޓްތަކަށް މިހާތަނަށް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް، ޒަރޫރީ ބޭނުންތަކަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް ބޭންކުން އިތުރު އެހީތެރިކަން ދެމުންގެންދާނެ ކަމަށެވެ.