Last Updated: June 21, 06:04
Sunday, June 21, 2026
ޚަބަރު

ވަޒީފާއިން ވަކިކުރާ މީހުންނަށް އަނބުރާ ވަޒީފާ ދޭނަން

މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންގެ ވަޒީފާތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ރުޖޫއަކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިއަށްގެންދާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާ އެކު، ސަރުކާރާ ދެކޮޅު އާއިލާއެއް އުފެދެމުންދާ ކަމަށާއި، ރައްޔިތުން ބިކަކޮށްގެން ސަރުކާރަށް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި އެމްޑީޕީން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ދެއްވި އެވެ.

"އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސްފައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެކަމުގެ ޔަގީންކަން މި އަރުވަނީ،" ޝާހިދު ވިދާޅުވި އެވެ.

ވަޒީފާތަކުން މުވައްޒަފުން ވަކިކުރަން ފެށުމުން އެނގެނީ މި ސަރުކާރު ބޮޑުތަނުން ބަލިވެ، ބޮނދުބުޑަށް ސައިވަމުންދާތަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބުނިގޮތުގައި މި ސަރުކާރުން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފަ އެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.