Last Updated: June 21, 06:04
Sunday, June 21, 2026
ކުޅިވަރު

ޗެކް ރިޕަބްލިކް އަތުން ދެކުނު އެފްރިކާ ޕޮއިންޓެއް ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ޗެކް ރިޕަބްލިކް އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު ވެސް އޮތީ ފުރަތަމަ މެޗުތަކުން ބަލިވެފަ އެވެ. އެ ގޮތުން، މެކްސިކޯ އަތުން ދެކުނު އެފްރިކާ ބަލިވީ 2-0 އިންނެވެ. އަދި، ދެކުނު ކޮރެއާ އަތުން ޗެކް ރިޕަބްލިކް ބަލިވީ 2-1 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި ދެކުނު އެފްރިކާ ނިކުންނާނީ ދެކޮޅު ކޮރެޔާއާ ދެކޮޅަށެވެ. އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ މެކްސިކޯއާ އެވެ.

އެޓަލަންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ޗެކް ރިޕަބްލިކުން ވަނީ ލީޑުނަގައިފަ އެވެ. އެގޮތުން ދެކުނު އެފްރިކާގެ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މައިކަލް ސަޑިލެކް އެވެ. މި ގޯލަށްފަހު ދެކުނު އެފްރިކާ އިން އެޓޭކަށް ޖެހިގެން ކުޅެ، ފުރުސަތުތައް ހޯދަން ފެށި އެވެ. ނަމަވެސް ދެކުނު އެފްރިކާއިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓޭއި ކޯވާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ދެކުނު އެފްރިކާ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޓެބޯހޯ މޮކުއޭނާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ދެކުނު އެފްރިކާގެ ތަޕޭލޯ މަސޭކޯ ފޮނުވާލި ހަމަލާއެއްގެ ޗެކް ރިޕަބްލިކް އޭރިއާތެރެއިން އެ ޓީމުގެ ޕަވެލް ސުލްޗް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން، ދެ ޓީމުން ވެސް މެޗުގެ ލީޑު ނަގަން މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެ އެވެ.

މި ގްރޫޕްގައި ހިމެނޭ މެކްސިކޯ އާއި ދެކުނު ކޮރެޔާ މާދަމާ ހެނދުނު ރާއްޖެގަޑިން 6 ޖަހާއިރު ބައްދަލުކުރާނެ އެވެ.