ފީފާ ވޯލްޑް ކަޕްގައި މިރޭ ބޮސްނިއާ 4-1 އިން ބަލިކޮށް ސްވިޒަލޭންޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ގްރޫޕް ބީގައި ސްވިޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގަތަރާއި ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ. ބޮސްނިއާގެ ފުރަތަމަ މެޗުގައި ކެނެޑާއާ ބައްދަލުކޮށް 1-1 އިން ވީ އެއްވަރެވެ. އެހެންކަމުން މި މެޗަށް ނިކުތްއިރު މޮޅެއް ހޯދުން ދެ ޓީމަށް ވެސް އޮތީ މުހިއްމު ވެފަ އެވެ.
ލޮސް އެންޖެލްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑްގެ ޑޭން އެންޑޯއި ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ބޮސްނިއާގެ ކީޕަރު ނިކޯލާ ވަސީލް އެވެ. އަދި ދެވަނަ ހާފުގައި ބޮސްނިއާގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ބޮސްނިއާގެ ކީޕަރު މަތަކުރި އެވެ.
ސްވިޒަލޭންޑްގެ ފުރަތަމަ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 20 އަހަރުގެ ފޯވާޑް، ޖޯހާން މަންޒަމްބީ އެވެ. ކުޅެން އެރިތާ ތިން މިނިޓް ތެރޭ، އޭނާ މި ގޯލު ކާމިޔާބުކުރީ ބޮސްނިއާގެ އޭރިއާތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ބޮސްނިއާ އަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗުގެ 80 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ޓަރީކް މުހަރެމޮވިޗަށް ރަތެއް ދެއްކުމުންނެވެ. ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ އަށް ކުރި ފައުލަކަށް މުހަރެމޮވިޗަށް ރަތެއް ދެއްކިއިރު، އޭގެ ފައިދާނަގައި، ތިން މިނިޓް ފަހުން، ރުބެން ވާގާސް ވަނީ ސްވިޒަލެންޑަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި، މަންޒަމްބީ ސްވިޒަލެންޑުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ގްރެނިޓް ޝަކާ އެވެ. ބޮސްނިއާގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެެރްމިން މަމިޗް އެވެ.
މި ގްރޫޕްގެ ފަހު މެޗުގައި ސްވިޒަލޭންޑުން ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. ބޮސްނިއާ ބައްދަލުކުރާނީ ގަތަރާ އެވެ.