Last Updated: June 21, 06:04
Sunday, June 21, 2026
ޚަބަރު

އަބުރުވެރިކަމަކީ އެންމެންގެ ހައްގަކަށް ހަދަން ޖެހޭ

އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ޙައްޤުތަކަކަށް ހެދުމަށްޓަކައި ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ސަމިޓްގައި، އެފްރިކާ އަދި އޭޝިއާ ޤައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ޞިއްޙަތާއި، ފުރުސަތުތަކާއި، އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ޙައްޤުތަކަކަށް ހެދުމަށްޓަކައި ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.

ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ޞިއްޙީ ޚިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ. އަދި، އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އޭގެތެރޭގައި، ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި؛ މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހޭކަމަށެވެ.

ފައުންޑޭޝަންގެ 'މޯ ދޭން އަ މަދަރ' ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމަޢުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެފަދަ ތަފާތުކުރުންތަކަކީ، އެ ބަލީގެ ވޭނާ އެއްވަރުގެ ކަމަކަށް، ގިނަ ފަހަރު ވެގެންދާ ކަމެއްކަން ފާހަގަކުރައްވަމުން، ފާޑުކިޔުމާއި ނިންމުންތައް ނިންމުމުގެ ބަދަލުގައި، ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، އެކަމަނާ ވަނީ މެރކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި، އެފްރިކާ، އޭޝިއާ އަދި އެކަށީގެންވާ ޚިދުމަތްތަކުން މަހުރޫމްވެފައިވާ މުޖުތަމަޢުތަކުގެ ތަރައްޤީއަށް އެ ފައުންޑޭޝަނުން ހިންގަމުންދާ ބަދަލުތަކެއް ގެނުވި ޕްރޮގްރާމްތަކުގެ، 14 އަހަރުވީ ދިގު ދަތުރަށް މަރުހަބާ ވިދާޅުވެފައެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ އެފްރިކާ އަދި އޭޝިއާ ސަރަހައްދުގެ ތަރައްޤީއާއި ޞިއްޙީ ދާއިރާގެ، މުހިންމު އިސްކަންދެވޭ ކަންކަމަށް ހައްލު ހޯދުމަށްޓަކައި، ދާއިރާގެ މާހިރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ޢިލްމީ ތަޖުރިބާކާރުން އެއްތަންކޮށްދޭ އަހަރީ ކޮންފަރެންސެކެވެ.