Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ވަޒީފާއިން ވަކިކުރަނީ ހަމައެއް ނެތި، އިންގިލާބަށް ނުކުންނާނެ

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް ހަމައެއް، އިންސާފެއް ނެތި ކަމަށާއި ރައްޔިތުން އިންގިލާބަށް ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށާއި އެ ޕާޓީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށެވެ. އެ ތަނަވަސްކަން ބިނާވެފައި އޮންނަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިވުމުގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަސާސީ ކަންކަން ގާނޫނުއަސާސީން ލިބިފައިދީފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެ ހައްގުތައް ހޯދައިދިނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް ހަމައެއް، އިންސާފެއް ނެތި ކަމަށާއި މިކަންކަމުގެ އަޑު އުފުލުމުގައި އެމްޑީޕީ އެ މުވައްޒަފުންނާ އެކު ތިބޭނެ ކަމަށެވެ. އަދި، ވަޒީފާއިން ވަކި ކުރާ މީހުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

"ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެބޭފުޅާ އެ އުފައްދަވަމުން އެގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނުކުންނާނެ. އެ ރައްޔިތުން އެމީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުން ގެންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރޭގެ އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވި އިރު، މިއީ ޗެއާޕާސަންކަމާ ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން އެ ޕާޓީން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ.