Last Updated: June 19, 21:49
Friday, June 19, 2026
ކުޅިވަރު

ބްރެޒިލްގެ ދެވަނަ މެޗުގައި ވެސް ނޭމާއަށް ނުކުޅެވޭ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރެޒިލުން ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނޭމާއަށް ނުކުޅެވޭނެ ކަމަށް، ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބްރެޒިލުން މޮރޮކޯއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ބުނީ ބްރެޒިލް ޓީމާއެކު މެޗު ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާގެ ފިލަޑެލްފިއާއަށް ނޭމާ ދަތުރުނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އަނިޔާއިން ރަނގަޅުވުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރުމަށް ނޭމާ ނިއު ޖާޒީގައި މަޑުކުރާނެ ކަމަށެވެ.

ނޭމާ ،34، އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކަށް މިދިޔަ އަންގާރަ ދުވަހު ނިކުތް ނަމަވެސް، އޭނާ ބްރެޒިލް ޓީމާއެކު ފުލް ޕްރެކްޓިސް ސެޝަނެއް އަދި ފުރިހަމަކޮށްފައެއް ނުވެ އެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ މީގެކުރިން ބުނީ ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނެގީ ހަމައެކަނި އޭނާގެ ފެންވަރަށް ބެލުމަށްފަހު ނޫން ކަމަށާއި ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ނޭމާގެ ތަޖުރިބާ ވެސް މުހިއްމު ވާނެތީ ކަމަށެވެ.

ގްރޫޕް ސީ ގައި ހިމެނޭ ބްރެޒިލް އާއި ހެއިޓީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ފަތިހު 5:30 ގަ އެވެ.