Last Updated: June 19, 21:49
Friday, June 19, 2026
ކުޅިވަރު

ބޮޑު މޮޅަކާއެކު ކެނެޑާ ދެވަނަ ބުރާ ގާތަށް

ކެނެޑާ ޓީމަށް ތިން ގޯލު ކާމިޔާބުކޮށް ހެޓްރިކް ހެދި ޖޮނަތަން ޑޭވިޑް

ފީފާ ވޯލްޑް ކަޕްގައި މިރޭ ގަތަރުގެ މައްޗަށް 6-0 އިން ކުރި ހޯދައި މުބާރާތުގެ ދެވަނަ ބުރާ ގާތަށް ކެނެޑާއިން ޖެހިލައިފި އެވެ.

ގްރޫޕް ބީ ގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، ކެނެޑާ އެވެ. ދެވަނައިގައި އޮތް ސްވިޒަލޭންޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ކެނެޑާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ބޮސްނިއާ އަދި ފުލުގައި އޮތް ގަތަރަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕްގެ ފަހު މެޗުގައި ކެނެޑާ ބައްދަލުކުރާނީ ސްވިޒަލޭންޑާ އެވެ. ގަތަރުން ނިކުންނާނީ ބޮސްނިއާއާ ދެކޮޅަށެވެ.

މި މެޗުގެ 16 ވަނަ މިނެޓްގައި ކައިލް ލެރިން ކެނެޑާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 29 ވަނަ މިނެޓްގައި ޖޮނަތަން ޑޭވިޑް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 33 ވަނަ މިނެޓްގައި ގަތަރުގެ ހޮމާމް އަހުމަދަށް ރަތްކާޑު ދެއްކިއިރު، މިއީ ކެނެޑާގެ ކުޅުންތެރިއަކަށް އޭރިއާގެ ބޭރުން ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޮނަތަން ޑޭވިޑް ކެނެޑާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފްގެ ކުރީކޮޅު ގަތަރުގެ އާސިމް މަޑިބޯ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 9 ކުޅުންތެރިންނާއެކު އެވެ. މިއީ ކެނެޑާގެ އިސްމާއިލް ކޯނޭއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ކެނެޑާގެ ހަތަރުވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ނޭތަން ސަލީބާ ކާމިޔާބުކުރިއިރު، އެޓީމުގެ ފަސްވަނަ ގޯލަކީ މެޗުގެ 75 ވަނަ މިނެޓްގައި ގަތަރުގެ މުހައްމަދު މަނާއި އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އިތުރު ވަގުތުގެ ގޮތުގެ ތެރޭގައި ޖޮނަތަން ޑޭވިޑް ވަނީ ކެނެޑާގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މިއީ ކެނެޑާއިން ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.