ދެކުނު ކޮރެޔާ 1-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މެކްސިކޯ ވެއްޖެ އެވެ.
ގްރޫޕް އޭ ގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އޮތީ މެކްސިކޯ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ދެކުނު ކޮރެޔާ އޮތްއިރު، ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކް އަދި ފުލުގައި އޮތް ދެކުނު އެފްރިކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ދެވަނަ ބުރުން ޖާގަ ހޯދާފައިވާ މެކްސިކޯ ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ޗެކް ރިޕަބްލިކާ އެވެ. ކޮރެޔާ ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.
މެކްސިކޯގެ އެސްޓާޑިއޯ އެކްރޮންގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ މެކްސިކޯގެ ކިނައޮނޭސް އެވެ. އެގޮތުން ކޮރެޔާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ގޯލަށް ވަންނަން ދަނިކޮށް މަތަކުރީ ކޮރެޔާގެ ކީޕަރު ކިމް ސިއުން ގިޔޫ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެކްސިކޯ އިން ކާމިޔާބުކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ކޮރެޔާގެ ކީޕަރަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި މި ގޯލު މެކްސިކޯ އަށް ކާމިޔާބުކޮށްދިނީ ލުއިސް ރޯމޯ އެވެ. މި ގޯލަށްފަހު ވެސް މެކްސިކޯ އިން ނުރައްކާތެރި ހަމަލާތަކެއް ކޮރެޔާގެ ގޯލަށް ފޮނުވާލިއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި ކޮރެޔާގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން ކޮރެޔާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މެކްސިކޯގެ ކީޕަރު ރަންހެލް އެވެ.
މި ގްރޫޕުގައި ޗެކް ރިޕަބްލިކާއި ދެކުނު އެފްރިކާ އިއްޔެ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.