އޮގަސްޓް މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ ފިލްމު 'ބަޓްވާރާ 1947' ގެ ޓީޒާ ދައްކާލައިފި އެވެ.
އޮގަސްޓް 14 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އަށް ފަހު ބޮޑު ސްކްރީނަށް އަންނަ ސަނީގެ ދެވަނަ ފިލްމެވެ. އެކަމަކު 'ބަޓްވާރާ 1947' ގެ ކުރިން އޭނަގެ އެހެން ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.
އެއީ ސިނަމާތަކަށް ނުގެނެސް މުޅިން އަލަށް ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ 'އިއްކާ' އެވެ. އަންނަ މަހުގެ 10 ގައި ނެޓްފްލިކްސް އަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ކޯޓްރޫމް ޑްރާމާ އަކީ ސިދާތު ޕީ މަލްއުތުރާގެ ޑައިރެކްޝަނެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބަޓްވާރާ 1947' އަކީ އަހަރުތަކެއް ފަހުން ބަތަލާ ޕްރިތީ ޒިންތާ އެނބުރި އަންނަ ފިލްމެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަބާނާ އާޒްމީ އާއި އަލީ ފަޒަލް އާއިން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ އިތުރުން އަބިމަންޔޫ ސިންގް ހިމެނެ އެވެ.
'ބަޓްވާރާ 1947' އަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ވަރަށް ތަފާތު ވާހަކައެެއް ކިޔައިދޭނެ ފިލްމެކެވެ. އޭއާރް ރަހުމާން މިއުޒިކް ހަދާފައިވާ މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ސަންތޯޝީ ސަނީއާ އެކު މީގެ ކުރިން ވަރަށް ކާމިޔާބު ތިން ފިލްމު ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެއީ 1990 ގެ 'ގާޔަލް' އާއި 1993 ގެ 'ދާމިނީ' ގެ އިތުރުން 1996 ގެ 'ގަތަކް' އެވެ.