Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މެންބަރުން ގުޅުމުން މިނިސްޓަރުން ޖަވާދު ދޭން އަންގައިފި

ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނަށް ޕީއެންސީގެ މަޖިލިސް މެންބަރުން ގުޅުމުން ފޯނަށް ޖަވާބު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އެމިގޮތަށް އެންގެވީ ޕީއެންސީގެ މެންބަރުންގެ ކޯލްތަކަށާއި މެސެޖްތަކަށް ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ޖަވާބު ނުދެއްވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ މަޖިލިސް މެންބަރުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ހިއްސާ ކުރައްވައި، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނަށް ކޯލްތަކަށް ޖަވާބު ދެއްވުމަށް އެންގެވި ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން މިފަދަ ޝަކުވާތަކެއް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ކުރައްވާފައިވެ އެވެ.