Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުމަކީ އަމާޒެއް

މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި "މިހާރު" ނޫހުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ
އަބަދުވެސް ބޭނުންފުޅުވަނީ މަސްވެރިކަމުގެ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާއި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާ، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

ހަމަމިއާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމުގައި ވިދާޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ހީނަރުކަން ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެ ކަމަށެވެ.