Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބުރު ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް" ގެ ދެވަނަ ކޯސް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި ޕްރޮގްރާމްގެ ދެވަނަ ބުރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ، ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ނޭޝަނަލް ސާވިސް ސްކިލްސް ޓްރޭނިން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، އަދި ފަންނީ ގޮތުން ހުނަރުވެރި އިހުލާސްތެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ. ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދެވަނަ ސީރީޒްގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވައުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް އާކުރުން އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް އަޒުމް އާކޮށްދެއްވީ މޭޖާ ހުސައިން ޝާހިދެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އޮޓޯ މޯބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ މުހިންމު ސިނާއީ ދާއިރާތަކުން އުނގަންނައިދެވޭނެއެވެ. ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވާ މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ތަމްރީނު ފުރިހަމަކުރާ ދަރިވަރުން ބައިވެރިވެފައިވެއެވެ.