ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި "މިހާރު" ނޫހުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ މަސްމާރުކޭޓަކީ ވަރަށް ހާލުގައި އޮތް ތަނެއް ކަމަށާއި އެތަން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކާ ކުރާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅަމުންދާ ކަމަށެވެ.
އެގޮތުން ހަތަރު ވަރަކަށް މަސް ފާއިތުވެގެން މިދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި އެ އިމާރާތް އަޅާނެ ބަޔަކު ހޯދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހި އަދި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ކަނޑައެޅި ބިން މާލޭ ސިޓީ ކައުންސިލުން ސަރުކާރާ ހަވާލު ނުކޮށްގެން ކަަމަށް ވިދާޅުވި އެވެ.
"ތައްޔާރުވެގެން ތިބޭތާ ހަތަރުވަރަކަށް މަސް، ހަމަ ކައުންސިލުން އެތަން ހަވާލު ނުކޮށްގެން. ދެން މިހެންވީމާ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން އެކި ކަހަލަ ބަހަނާ ދައްކަމުން، ހަަމަ އެއްގޮތަކަށް ވެސް އެކަން ވާނެ ގޮތެއް ނުދެއްކި،" ރައީސް ވިދާޅުވި އެވެ.
"ދެން އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލެެއް އެއަށް ގެންނާނަން."
ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.