އަމިއްލަ އަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.
މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ބުނީ ކުންފުނީގެ އޮނިގަނޑު ބަދަލުކޮށް އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ވަކިވާން ދެ އިހްތިޔާރެއް ދީފަ އެވެ.
އޭގެ ތެރެއިން އެއް ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމެވެ. އެގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ އެވެ.
އަނެއް ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުމެވެ. މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތް ލިބޭނެ އެވެ.
އެޗްޑީސީން ބުނީ ވަޒީފާއިން ވަކިވުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ އިތުރު ތަފްސީލުތަކާއި، ޝަރުތުތަކުގެ އިތުރުން އެކަމަށް އެދި ހުށައަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ދާދި ފަހުން ފެނަކަ އިން ވެސް މުވައްޒަފުން އަމިއްލަ އަށް އެދިގެން ވަކިވުމުގެ ފުރުސަތެއް ހުޅުވައިލި އެވެ.