މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މެތު އޮސްޓްރޭލިއާ އަށް އެތެރެކުރި މައްސަލައެއްގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ބަތަލާއަކަށް ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނި ގާނާ އިން އޮސްޓްރޭލިއާ އަށް 320 ކިލޯގެ މެތު އެތެރެކުރި މައްސަލައިގައި އޮސްޓްރޭލިއާ އިން ދައުވާކޮށްފައި ވަނީ އެމާ ހުސައިން، 34، އަށް ކަމަށެވެ. އޭނަ އަކީ 'އީސްޓްއެންޑާސް: އީ20' ސީރީޒްގެ ރޯލެއްގެ އިތުރުން މަޝްހޫރު އެކްޓަރު ޖޭސަން ސްޓެތަމްގެ އެކްޝަން ތުރިލާ ހަމިންބާޑް (ރިޑެމްޕްޝަން) ގެ ރޯލެއް ވެސް ކުޅެފައިވާ ބަތަލާ އެވެ.
މަސްތުވާތަކެތި އޮސްޓްރޭލިއާ އަށް އެތެރެކުރި މައްސަލައި އެމާ އަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އިއްޔެ ވަނީ އޭނަ ސިޑްނީ ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ. ފުލުހުން އޭނަގެ މައްޗަށް ކުރަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ދެމަފިރިއަކާ ގުޅިގެން ޗާކޯލް ބަރުކޮށްފައިވާ ކޮންޓެއިނާތަކެއްގައި ފޮރުގައިގެން މެތު އެތެރެކުރިކަމުގަ އެވެ.
އެގޮތުން އެ މީހުން އެތެރެކުރި 320 ކިލޯގެ މެތުގެ މަގުމަތީއަގު 208 މިލިއަން ޑޮލަރަށް އަރަ އެވެ. މިކަމާ ގުޅޭ ތަގުގީގު އޮސްޓްރޭލިއާގެ ފުލުހުން ފެށީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މަސްތުވާތަކެތި އެތެރެކުރިކަމުގެ ދައުވާ އެމާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުހެ ޖަލި ހުކުމެއް އަންނާނެ އެވެ.