Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރާއްޖެ ގެނައި 15،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,600 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މި މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީހަށް ފަހު، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.