އޮސްޓްރޭލިއާ 2-0 ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުން އެމެރިކާ ޖާގަ ހޯދައިފި އެވެ.
ގްރޫޕް ޑީ ގައި ހިމެނޭ އެމެރިކާ ވަނީ ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިފަ އެވެ. ދެވަނައިގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ އޮސްޓްރޭލިއާ އެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ ތިންވަނައިގައި އޮތް ތުރުކީ އަދި ފުލުގައި އޮތް ޕެރަގުއޭއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ތުރުކީ އާއި ޕެރަގުއޭ މާދަމާ ބައްދަލުކުރާނެ އެވެ.
ދެވަނަ ބުރުން ޖާގަ ހޯދާފައިވާ އެމެރިކާ ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ތުރުކީއާ އެވެ. އޮސްޓްރޭލިއާ ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.
އެމެރިކާގެ ސިއާޓްލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި އެމެރިކާއިން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އޮސްޓްރޭލިއާގެ ކެމެރަން ބާގަސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 43 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެސްޓް ފޮނުވާލި ހަމަލާއެއް ބްލޮކްވުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އެމެރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސް ފްރީމަން އެވެ.
ދެވަނަ ހާފުގައި ބަދަލުތައް ގެނެސްގެން އޮސްޓްރޭލިއާ އިން އެމެރިކާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.